ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރުކޮށް، 5،000ރ. އަށް ވުރެން މަދުން ލިބޭ މީހުންނަށް ސަރުކާރުން ދޭ ހަމަޖެއްސި "އިންކަމް ސަޕޯޓް އެލަވަންސް" އަށް އެދި ފޯމު ހުށަހަޅަން ސުންގަޑި ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.
އިންކަމް ސަޕޯޓް އެލަވެންސް އަކީ ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އާމްދަނީ އަށް ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން އެ ފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދޭ އެލަވެންސެކެވެ.
މި އެލަވަންސް ދޭން ނިންމާފައި ވަނީ އެޕްރީލް މަހުން ފެށިގެން ތިން މަސް ދުވަހަށެވެ. އާމްދަނީގެ ގޮތުގައި 5،000ރ. ނުލިބޭ މީހުން ރަޖިސްޓްރީ ވާން ޖެހެނީ ޖޮބްސެންޓަރުގަ އެވެ.
މި އެލަވަންސް ދޭނީ މާޗް 1 ވަނަދުވަހުގެ ފަހުން، ކޮވިޑް-19 ސަބަބުން ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ފަރާތްތަކަށާއި މުސާރަ ނުލިބޭގޮތަށް ނޯޕޭ ލީވް އަށް ފޮނުވާލާފައިވާ ފަރާތްތަކަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބަޔެއް އުނިކޮށްފައިވާ ފަރާތްތަކަށެވެ.
އެލަވަންސަށް އެދި މިހާތަނަށް ފޯމު ހުށަހަޅާފައި ނުވާ ފަރާތްތަކަށް މިހާރު ވަނީ ސުންގަޑިތަކެއް ކަނޑައަޅައި އާންމުކޮށްފަ އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އެޕްރީލް މަހުގެ އެލަވަންސަށް މި މަހުގެ 30ގެ ކުރިން ޖޮބްސެންޓަރަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މެއި މަހުގެ އެލަވަންސަށް ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އަދި ޖޫން މަހުގެ އެލަވެންސަށް އެދި ޖުލައި މަހުގެ ހަތެއްގެ ކުރިން ފޯމު ލާން ޖެހެ އެވެ.
މި އެލަވެންސަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނީ "ޖޮބްސެންޓާޑޮޓްއެމްވީ" މެދުވެރިކޮށް އޮންލައިން ކޮށެވެ. އޮންލައިންކޮށް ފޯމު ފުރިހަމަ ނުކުރެވޭ މީހުން އެޕްލިކޭޝަން ފޯމު ފުރުމަށް ފަހު ޖޮބްސެންޓަރަށް އީމެއިލްގެ ޒަރީއާއިން ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެލަވަންސް ދިނުމުގެ އުސޫލު ބުނާގޮތުން މާޗު އެކަކާއި ހަމައަށް އެއްވެސް ފަރާތެއްގެ ދާއިމީ ނުވަތަ ވަގުތީ ވަޒީފާގައި ހުރި ކޮންމެ ފަރާތަކަށްވެސް ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއް އޮތްނަމަވެސް އަދި ނެތް ނަަމަވެސް މި އެލަވެންސް ލިބިދެވޭނެ އެވެ. މީގެ ތެރޭގައި ޕްރޮބޭޝަނުގައި ތިބޭ ފަރާތްތައް ހިމެނޭނެ ކަމަށާއި ވަގުތީ ވަޒީފާ ވާންވާނީ އެ ފަރާތަކަށް މުސާރަ ލިބޭ ހަމައެކަނި ވަޒީފާއަށް ކަމަށް ބުނެފައިވެ އެވެ.
މި އުސޫލުގެ ދަށުން 5،000 ރުފިޔާ ލިބޭނެ އެވެ. ނޯޕޭ އަށް ފޮނުވާފައިވާ ފަރާތްތަކަށްވެސް މި އަދަދަށް އެލަވެންސް ލިބޭއިރު މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާފަރާތެއްނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާ އިންް މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ދޭނެއެވެ.
އެލަވެންސް ދޭނީ ރާއްޖޭގައި މަސައްކަތްކުރާ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ ދިވެހިންނަށެވެ. އަދި އެއީ، މާޗު އެކަކާއި ހަމައަށް ވަޒީފާގައި ދެމިހުރި މީހަކަށް ވާން ޖެހޭނެއެވެ.