ސުޕްރީމް ކޯޓުގައި އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރު ބަންދު ކުރުމާއެކު ކޯޓުތަކުގެ ޝަރީއަތްތައް ވަނީ މެދުކެނޑިފަ އެވެ. ކުރިމިނަލް ކޯޓުގައި ވަނީ މިފަހުން އޮންލައިންކޮށް ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފަ އެވެ.
ސުޕްރީމް ކޯޓުން ވެސް ޝަރީއަތްތައް ފެށުމަށް ނިންމައި މިއަދު ނެރުނު ގަވައިދުގައި ބުނީ ކޯޓަށް މީހުން ހާޒިރުވެ ޝަރީއަތް ކުރިއަށް ގެންދަން ރައްކާތެރި ނޫން ހާލަތުގައި ޝަރީއަތްތައް ކުރިއަށް ގެންދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން އެކަމާ ގުޅޭ ގަވައިދު އެކުލަވާލައި އާންމު ކޮށްފި އެވެ.
ގަވައިދުގައިވާ ގޮތުން ކޮންމެހެން ސިއްރު ކުރަން ޖެހޭ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް މެނުވީ އެހެން ޝަރީއަތްތައް ޓްވިޓާ އަދި ޔޫޓިއުބު މެދުވެރިކޮށް ލައިވް ކުރާނެ އެވެ.
މީގެ އިތުރުން އެ ހާލަތްތަކުގައި ފަނޑިޔާރުން، ޝަރީއަތް ކުރާ މަޖިލީހުގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެގެން ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށާއި ނަމަވެސް ފަނޑިޔާރުން ތިއްބަވަން ޖެހޭނީ ގައުން ތުރުކުރައްވައިގެން ކަމަށް ގަވައިދުގައި ވެއެވެ. ހަމައެހެން ވަކީލުން ވެސް ތިއްބަވަން ޖެހޭނީ ކޯޓު ފަޓުލޫނުގަ އެވެ.
މި ގަވައިދުގެ ދަށުން އޮންްލައިންކޮށް ޝަރީއަތްތައް ފަށާނީ އަންނަ މަހުން ފެށިގެންނެވެ. އެއާއެކު މިހާރު ހުއްޓާލާފައި އޮތް އިސްތިއުނާފުގެ މުއްދަތު ގުނުން ވެސް އެ ދުވަހުން ފެށިގެން ގުނަން ފަށާނެ އެވެ.