twitterviber whatsapp telegramfacebookyoutube instagram
17th April 2025

ހިންމަފުށިން ނެގި 156 ސާމްޕަލް ނެގެޓިވް

May 20, 2020

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމާއި ގުޅިގެން ހިންމަފުށީގައި ބަލީގެ ހާލަތު އޮތް މިންވަރު ދެނަގަތުމަށް ނެގި 156 ސާމްޕަލް ވެސް ނެގެޓިވް ވެއްޖެ އެވެ.

އެ ރަށުގައި ބަލީގެ ހާލަތު އޮތް މިންވަރު ބެލުމަށް އެކި ސަރަހައްދުތަކުން ވަނީ 156 ސާމްޕަލް ނަގާފައެވެ. އެއީ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން 37 ސާމްޕަލާއި އައްސޭރި ޖަލުން 37، އިންޑަސްޓްރިއަލް ޒޯން 45 ސާމްޕަލް އަދި ރަށުތެރެއިން 38 ސާމްޕަލެކެވެ.

މަސްތުވާތަކެތިން ސަލާމަތްވުމަށް އެހީތެރިވެދޭ ރީހެބުން ބަޔަކަށް ޕޮޒިޓިވްވީ އެތަނުން ނެގި ރެންޑަމް ސާމްޕަލްތަކެެއްގެ ތެރެއިންނެވެ. އެކަމާއި ގުޅިގެން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ލޮކްޑައުން ކޮށްފައިވާ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ބަޔަކު ޕޮޒިޓިވްވެފައިވާއިރު މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ފަހުން އެއްވެސް މީހަކު އެ ސެންޓަރަށް ގެންގޮސްފައިނުވާ ކަމަށް އެންއީއޯސީން ބުންޏެވެ.

ނަމަވެސް ހިންމަފުއްޓަށް ނިސްބަތްވާ އެ ސެންޓަރުގެ ބައެއް މުވައްޒިފުން މެނޭޖްމަންޓަށް ނޭންގި ރަށުތެރޭގައި އުޅެފައިވާކަން އެނގިފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފައެވެ.

އޭޕްރިލް 13 ވަނަ ދުވަހު ހަތަރު މީހަކު ރިހެބަށް ގެންގޮސްފައިވާއިރު އޭގެ ކުރީ ދުވަހު ހަތަރު މީހުން ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން އޭޕްރީލް މަހުގެ ނުވަވަނަ ދުވަހު އެކަކު އަދި 8 ވަނަ ދުވަހު ދެ މީހުން ގެންގޮސްފައިވާ ކަމަށެވެ.

ޕޮޒިޓިވްވީ މީހުންގެ ތެރޭގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު އެ ސެންޓަރަށް ގެންދިޔަ މީހަކު ހިމެނޭ ކަމަށް އެންއީއޯސީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355