ހުޅުމާލޭގެ ފޭސް-2ގައި ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަނުން ގާއިމު ކުރަން ފެށި 800 އެނދުގެ ކަރަންޓީން ފެސިލިޓީ އެންމެ 22 ދުވަހުގެ ތެރޭގައި ހަދާ ނިންމައިފި އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން ގާއިމްކުރި މި ފެސިލިޓީގައި 800 އެނދު, 84 ފާހާނާ އަދި އެއްފަހަރާ 175 މީހުންނަށް ކާން ތިބެވޭނެ ޖާގައަކާއި ބަދިގެއެއް ހިމެނެއެވެ. މިފެސިލިޓީ ނިންމާ މިހާރު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފަ އެވެ.
މިފެސިލިޓީގެ މަސައްކަތް ނިމުމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޒޯންގް ވަނީ އެކަން ފާހަގަކުރައްވާފަ އެވެ.
އަދި މީގެ އިތުރުން ޗައިނާގެ ބެއިޖީން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ގެ ފަރާތުން ހުޅުމާލޭގައި ހަދާފައިވާ އިމާރާތެއް ރެނޮވޭޓު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މިއީ 327 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީ އެކެވެ.
އެންމެ ފުރަތަމަ ކޮވިޑް-19 ފެތުރެން ފެށި ގައުމު ކަމުގައިވާ ޗައިނާއިން ވެސް އަންނަނީ ރާއްޖޭގެ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އެހީވަމުންނެވެ.