ނ. މަނަދޫން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ އަންހެން މީހާ މިރޭ މަރުވެއްޖެ އެވެ. އޭނާ މަރުވިއިރު، ކޮވިޑް-19 އިން ރަނގަޅު ވެފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެމީހާ މަރުވެފައިވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިރޭ އިރުއޮއްސުނު ވަގުތު އެވެ. މައުލޫމާތު ލިބޭގޮތުގައި އޭނާ އެޑްމިޓްކޮށްފައި އޮތީ ސިއްހީ އެހެން މައްސަލަތަކެއްގައި އެވެ.
އަންހެން މީހާ މާލެ ގެނައީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެންނެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ފުރަތަމަ އެނގުނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.
އެ އަންހެން މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ޔަގީން ކުރުމަށް ހެދި ދެ ވަނަ ޓެސްޓުން ދެއްކީ އެ ބަލި ނެތް ކަމަށެވެ. ދެ ފަހަރު ދެ ނަތީޖާއެއް ލިބުމުން އަލުން ޔަގީން ކުރުމަށް ހެދި ޓެސްޓުން އަނެއްކާވެސް ދެއްކީ ޕޮޒިޓިވް ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު އަނެއްކާވެސް ހެލްތް މިނިސްޓްރީން ވަނީ އެ އަންހެން މީހާ އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ބުނެފަ އެވެ.
އޭނާއާ ކޮންޓެކްޓް ވެގެން ސާމްޕަލް ނެގި މީހުންގެ ތެރެއިން މަނަދޫން ނުވަ މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި އެ އަންހެން މީހާ ދިރިއުޅުނު ގެއިން ތިން މީހަކާއި މާލެ ދަތުރު ކުރި ލޯންޗްގެ ކެޕްޓަނާއި ކުރޫއެއްގެ އިތުރުން އެ އަންހެން މީހާ މަނަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮށްވައި ބައްދަލުވި މަސައްކަތު ދެ މީހުން ހިމެނެ އެވެ.