ދުބާއީން އިތުރު 10 ވެންޓިލޭޓަރު މިއަދު ވ ރާއްޖެއަށް ގެނެސްފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒު ވިދާޅުވީ ދުބާއީން އިތުރު 10 ވެންޓިލޭޓަރު މިއަދު ގެނެސްފައިވާ ކަމަށާއި މިހާރު ރާއްޖޭގައި 129 ވެންޓިލޭޓަރު އެބަހުރި ކަމަށެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި މަބުރޫކު ވަނީ ތިން ކުންފުންޏަކަށް 145 ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިމަހު 10 ވަނަ ދުވަހުވަނީ މެޑްޓެކް ކިޔާ ކުންފުންޏަކުން ވަނީ 18 ވެންޓިލޭޓަރު ރާއްޖެ ގެނެސްފަ އެވެ.
ސަރުކާރުން މެޑްޓެކްއާ ހަވާލު ކުރީ 14 މިލިއަން ރުފިޔާއަށް 50 ވެންޓިލޭޓަރު ގެނައުމަށެވެ. އަދި ހަތް މިލިއަން ރުފިޔާއަށް 20 ވެންޓިލޭޓަރެއް ގެންނަން ނާޑް ކުންފުންޏަށް ވެސް ހަވާލު ކުރި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި އެތަކެތި ވަރަށް އަވަހަށް ބޭނުންވާތީ އެ ކުންފުނިތަކާ ހަވާލު ކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުންނެވެ.
މީގެ އިތުރުން ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދުބާއީ ކުންފުންޏެއް ކަމުގައި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ގެންނަން ވެސް ވަނީ ހަމަޖައްސާފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް ވެންޓިލޭޓަރުތައް މި މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ ވިދާޅުވެފަ އެވެ.