twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިސްކިތުގެ ޖަމާއަތް ނުހުޅުވާ ރަށްރަށުގެ ލިސްޓްގައި ކުޅުދުއްފުށި!

އަބްދުލް ވާހިދު ޙަސަން
May 22, 2020
5

މިއަދު ހުކުރު ނަމާދުން ފެށިގެން ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް ހުޅުވާލަން ނިންމާފައިވާއިރު މިސްކިތްތަކުގެ ޖަމާއަތް ނުހުޅުވާ 25 ރަށެއް ހިމަނައި އިސްލާމިކް މިނިސްޓްރީން އެކަން ކައުންސިލްތަކަށް އަންގައިފި އެވެ.

މިސްކިތުގެ ޖަމާއަތް ނުހުޅުވާނެ 25 ރަށެއް ހިމަނާފައިވާ ލިސްޓެއް ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ފޮނުވީ މިރޭ މެންދަމުގެ ވަގުތުގައި ފޮނުވި ސަކިއުލަރ އަކުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ސޮއިކުރައްވާ ނެރުނު ސަރކިއުލަރގައި ބުނެފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އިލްމްވެރިންނާއި ކަމާބެހޭ ސިއްހީ އިދާރާތަކާއެކު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ރައްކާތެރި ފިޔަވަޅުތަކާއެކު މިމަހު 22 ވަނަ ދުވަހު ހުކުރު ނަމާދުން ފެށިގެން މިވަގުތު ރާއްޖޭގައި ފުރަބަންދު ހާލަތުގައި ހުރި ރަށްރަށާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވާ އެހެން ރަށްރަށުގައި މިސްކިތްތައް ޖަމާއަތުގެ ނަމާދަށް ހުޅުވާލުން އެންމެ ރަނގަޅު ކަމަށެވެ.

އެގޮތުން އެ ސަކިއުލަރގައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްތަކާއި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި ކަރަންޓީނުކޮށްފައިވާ ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުގެ ލިސްޓެއްވެސް ހިމަނާފައި އެވެ. އެ ލިސްޓްގައި 25 ރަށެއް ވަނީ ހިމަނާފައި އެވެ. އެ ލިސްޓްގައި ހިމެނެނީ، ކުޅުދުއްފުށި ސިޓީ، ށ ނަރުދޫ، ނ މަނަދޫ، ހއ ތަކަންދޫ، ކ ތުލުސްދޫ، ށ މިލަންދޫ، ހއ އުލިގަމު، ކ ހިންމަފުށި، ށ މާއުނގޫދޫ، ށ ފޮނަދޫ، ށ ފީވަކު، ނ ހޮޅުދޫ، ނ ހެނބަދޫ، ށ ގޮއިދޫ ހިމެނެ އެވެ.

އަދި މީގެ އިތުރުން ހދ ކުމުންދޫ، ހދ ހިރިމަރަދޫ، ނ ކެނދިކުޅުދޫ، ހއ ދިއްދޫ، ހއ އުތީމް، ބ ކެންދޫ، ނ މިލަދޫ، ނ މާފަރު، ށ ޅައިމަގު، ނ ވެލިދޫ އަދި ކ މާފުށި ހިމެނެ އެވެ.

"ވީމާ ހެލްތް ޕްރޮޓެކެޝަން އެޖެންސީން ފުރަބަންދު ހާލަތަށް ގެނެސްފައިވާ ރަށްރަށާއި މޮނިޓަރިންގ ހާލަތުގައި ހުރި ރަށްރަށާއި އެރަށެއްގައި މީހަކު ކަރަންޓީނުކޮށްފައިވާ ރައްތައް ފިޔަވައި އެހެން ރަށްރަށުގައި ރައްކާތެރި ފިޔަވަޅު އަޅައި ޖަމާއަތުގައި ނަމާދުކުރުން އެންމެ ރަނގަޅުކަމުގައި ދެންނެވީމެވެ." އިސްލާމިކް މިނިސްޓްރީ ފޮނުވި ސަކިއުލަރގައިވެ އެވެ.

އަދި މިހާރު އެހާލަތުގައި ނެތް ރަށެއްވެސް އެ ހާލަތަށް އަތުވެއްޖެނަމަ އެރަށެއްގެ މިސްކިތުގެ ޖަމާއަތް ހެދުން ހުއްޓާލަން ޖެހޭކަމަށެވެ. މިނިސްޓްރީން ބުނެފައިވަނީ މިސްކިތްތައް ހުޅުވާލުމުގައި ސަމާލުކަން ދިނުމަށް ފާހަގަކޮށްފައިވާ ކަންކަމަކީ މިހާރުގެ ހާލަތަށް ރިއާޔަތް ކުރެވިގެން ބަޔާން ކުރެވިފައިވާ ކަންތައްތަކަށްވެފައި މިސްކިތްތައް ހުޅުވާލާއިރު ލުއި ދިނުމުގައި މަރުހަލާތަކަށް ބަހާލެވިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާތީ މިހާރުގެ ހާލަތު ރަނގަޅުވަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅައިފި ހާލަތެއްގައި ޖަމާއަތުގައި ނަމާދުކުރުމާއި ގުޅޭގޮތުން އިތުރު ލުއިތައް ދެމުންދާނެ ކަމަށެވެ.

މިސްކިތުގައި ޖަމާއަތް ހުޅުވާލާނެކަމަށް ބުނުމުން ކައުންސިލްތަކުން ތައްޔާރުވި

ރޭ 22:30 ގައި އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ، ލޮކްޑައުން ނެތް ރަށްރަށުގައި މިއަދު ހުކުރު ނަމާދުން ފެށިގެން މިސްކިތުގެ ޖަމާއަތް ހުޅުވާލާނެކަމަށެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ފެށުމާ ގުޅޭގޮތުން ސިއްހީ ޑޮކްޓަރުންނާއި މަޝްވަރާކުރެއްވި ކަމަށާ އެ ބޭފުޅުންގެ ލަފާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތުގެ ޖަމާއަތް ފެށިދާނެ ކަމަށެވެ.

އެގޮތުން ކަނޑައެޅޭ ވަކި ރަށްރަށެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިއަދު ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއާތް ހުޅުވާލާނެ ކަމަށެވެ. ޑޮކްޓަރުން ލަފާ ދެއްވަނީ މިސްކިތްތައް ހުޅުވާލިޔަސް އުމުރުން ދުވަސްވީ މީހުން ޖަމާއަތަށް ނުދިއުމަށާއި މުސައްލަ ހިފައިގެން އަދި ގެއިން ވުލޫކޮށްގެން މިސްކިތްތަށް ދިއުމަށްކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވުމާއެކު ގިނަ ރަށްތަކެއްގެ ކައުންސިލްތަކުން ޖަމާއަތް ފެށުމަށް ތައްޔާރުވި އެވެ. ދަންވަރު ގަޑީގައި މިސްކިތްތަކަށް މުވައްޒަފުން ފޮނުވައިގެން ސާފުކުރުމާއި އަދި ހުކުރުކުރާނެ މިސްކިތްތައް ކަނޑައަޅައި ބައެއް ކައުންސިލުތަކުން އިއުލާންވެސް ކުރި އެވެ. އަދި މިއަދު ހެނދުނުގެ ވަގުތުގައި ހުތުބާ ބަލައި ކައުންސިލަށް ދިޔުމަށްވެސް ބައެއް އިމާމުންނަށް ކައުންސިލްތަކުން ވަނީ އަންގާފައި އެވެ.

މިސްކިތްތައް ހުޅުވާލުމާއެކު ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު އުވާލި

ކުޅުދުއްފުށީ ކައުންސިލުން އެ ސިޓީގައި ހިންގާފައިވާ ކާފިއު އުވާލީ ރަށްރަށުގެ މިސްކިތްތަކުގެ ޖަމާއަތް ހުޅުވާލުމާއެކު އެވެ. އެގޮތުން މިދިޔަ އެޕްރީލްމަހު 22 ވަނަ ދުވަހުން ފެށިގެން ހިންގާފައިވާ ކާފިއު އުވާލިކަން ކައުންސިލުން އާންމުކޮށްފައިވަނީ މިރޭގެ ވަގުތެއްގައި އެވެ.

ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީތަކުގައި ބައެއް މީހުން އެބަތިބި

މިސްކިތުގެ ޖަމާއަތް ނުހުޅުވާ ރަށްރަށުގެ ލިސްޓްގައި ކުޅުދުއްފުށީ ހިމަނާފައިވާއިރު ކުޅުދުއްފުށީގެ ކަރަންޓީނު ފެސިލިޓީތަކުގައި މާލެން އައި މީހުން ހިމެނޭގޮތުން މީހުން ކަރަންޓީނުކޮށްފައި އެބަތިއްބެ އެވެ. އެގޮތުން ކޮވިޑް-19 ގެ ޓްރެއިނިންގއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މާލެއަށް ދިޔައި ބައެއް ނަރުހުންނާއި ޑޮކްޓަރުން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355