މާދަމާއިން ފެށިގެން ޖޫން މަހުގެ 11ގެ ނިޔަލަށް ކޮންމެ ހަފްތާއަކު ތިން ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ސަރުކާރުން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިރޭ ބުނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ، މި ތިން ދުވަހު ހެނދުނު 9 ން 1 އަށް ސަރުކާރުގެ އިދާރާތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާ ހުޅުވައިގެން ކުރާނެ މަސައްކަތްތައް އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާނެ ކަމަށާއި އިދާރާއެއް ހުޅުވާނީ އެ އިދާރާއަށް މުވައްޒަފުން ހާޒިރުވެގެން އެ އިދާރާއަކުން މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.
އިދާރާތައް ހުޅުވިނަމަވެސް، އެ އިދާރާތަކަށް އައިސް ހިދުމަތް ހޯދުމަށް ހުޅުވައިނުލުމަށްވެސް ސަރުކާރުގެ އޮފީސްތަކަށް އަންގަވާފައިވެއެވެ. އަދި ވީހާވެސް މަދު އަދަދެއްގެ މުވައްޒަފުން މަސައްކަތަށް ނެރުމަށްވެސް ވަނީ ސަރުކާރުގެ އޮފީސްތަކަށް އަންގާފައެވެ. އަދި މިހާރެކޭ އެއްގޮތަށް ގޭގައި މުވައްޒަފުން ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށާއި އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތައް އޮންލައިން ދެމުން ގެންދިއުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައި ވެއެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތައް ހުޅުވަން ޖެހިފައިވާ ދުވަސްތަކާއި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން މަސައްކަތެއް ކުރަން ޖެހިއްޖެ ހިނދެއްގައި އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން އެ މަސައްކަތް ކުރުމަށްވެސް ވަނީ އަންގާފައެވެ.
ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން މަސައްކަތް ކުރަންވާނީ އެއިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އިދާރާއަކުން ހުށަހަޅައި އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.