ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާ ހިލާފްވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުވާ ގޮތަށް އެޓާރނީ ޖެނަރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020 ގެ ނަމުގައި ފޮނުވި މި ބިލުގައި ބުނާ ގޮތުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތަކާއި ހިލާފްވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ހާއްސަ އުސޫލުތަކެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
ބިލުގައި ބުނާ ގޮތުން އެންގުމާއި ހިލާފްވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެންގުމާ ހިލާފްވާ ފަރާތަކީ ގާނޫނީ ސަހުސެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އެ ބިލުގައިވާ ގޮތުން އެގުންތައް ތަންފީޒުކުރުގެ ބާރު ފުލުހުންނަށް ދިނުމުގެ ގޮތުން އެންގުމާއި ހިލްފާވާ ފަރާތްތަކަށް އެންގުމަށް އަމަލު ކުރުމަށް އެންގުމުގެ އިތުރުން ވަގުތުން ޖޫރިމަނާ ކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އަދި އެންގުމާއި ހިލާފަށް ތަނެއްގައި އެއްވެ އުޅޭނަމަ އެއްވުން ރޫޅާލުމުގެ ބާރާއި ދެކޮޅު ހަދާފަރާތްތައް ހައްޔަރުކުރުމުގެ ބާރުވެސް ފުލުހުންނަށް ލިބޭނެ އެވެ.
ރާއްޖެއިން ކޮވިޑް-19 ބަލިމަޑުކަން ފެނުމާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް މާލެ ސަރަހައްދު ލޮކްޑައުންކޮށްފަ އޮންނަތާ ދެ މަހަށް ވުރެން ގިނަދުވަސް ވަނީ ވެފަ އެވެ.