ރާއްޖޭގެ އުފެއްދުންތައް ބާޒާރަށް ނެރެން އެހީވުމަށް ސަރުކާރުން ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) ގުޅިގެންނެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ދިވެހި އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއ ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބައިނަލްއަގްވާމީ ބާޒާރުގައި ވާދަ ކުރެވޭ ފެންވަރު ރަނގަޅު ދިވެހި އުފެއްދުންތައް ނެރުމެވެ.
ބީސީސީ އިން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިގްތިސޯދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހާއްސަ އަހަންމިއްޔަތެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ.
އެގޮތުން އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިން ފަދަ ފަންނީ އެހީތެރިކަންވެސް ފޯރުކޮށް ދޭން ނިންމާފައިވާ ކަމަށާއި ޖޮއިންޓް-ވެންޗާ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ދުރު ރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރަން މަގު ފަހިކޮށް ދިނުމަކީ ވެސް އެ ޕްރޮގްރާމްގެ އަމާޒެކެވެ.