ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް އަމިއްލަ އިމާރާތްތައް ބަދަލު ދޭ ގޮތަށް ދައުލަތާ ހަވާލުކުރަން އެންގުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފި އެވެ.
ހެލްތް މިނިސްޓްރީން އިއްޔެ އެކުލަވާލާފައިވާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކުގެ ގަވާއިދުގައިވާ ގޮތުން ނުރައްކާތެރި ބަލިތަކާ ގުޅިގެން މީހުން ކަރަންޓީން ކުރާނެ މަރުކަޒުތައް ކަނޑައަޅާނީ ހެލްތް މިނިސްޓަރެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ބަލި ޖެހޭ މީހުންނާއި ރާއްޖެއިން ބޭރުން އަންނަ މީހުން ގެންދަނީ ކަރަންޓީން ކުރަމުންނެވެ. މިހާރު މީހުން ކަރަންޓީން ކުރަމުން އަންނަނީ ރިސޯޓްތަކާއި ބައެއް ރަށްރަށުގައި ސަރުކާރުން އަމިއްލައަށް ގާއިމް ކޮށްފައިވާ ކަރަންޓީން މަރުކަޒުތަކުގަ އެވެ.
އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރުމަށް މީހެއްގެ އަމިއްލަ އިމާރާތެއް ކޮންމެހެން ބޭނުންވެއްޖެ ނަމަ، އެތަނެއް ގިނަވެގެން އެއް އަހަރަށް ސަރުކާރާ ހަވާލު ކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ބާރު އޮންނާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
ގަވާއިދުގައިވާ ގޮތުން މީހުން ކަރަންޓީން ކުރުމަށް އިމާރާތެއް ހަވާލު ކުރަން އަންގާ އެންގުމަކަށް އެތަނެއްގެ ވެރި ފަރާތުން ދެކޮޅު ހަދައިފި ނަމަ، އެތަނެއް ހޯދުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ އެވެ. އަދިި އެގޮތަށް އިމާރާތެއް ހޯދަން ޖެހޭނީ އެތަނެއްގައި ބަޔަކު ދިރިއުޅޭ ނަމަ، އެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމެއް ހަމަޖައްސައި ދިނުމަށް ފަހު ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
އެކަމަކު އެފަދަ ތަންތަން ބޭނުންކުރާ މުއްދަތަށް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި އެގޮތަށް ނަގާ އިމާރާތެއް ބޭނުން ކުރުމަށް ފަހު، އެތަނެއް ބޭނުންކުރި މުއްދަތަށް ބަދަލު ދޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި ލިބެންޖެހޭ ޚިދުމަތްތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ. އަދި އެ ތަންތަނުގައި މީހުން ބޭތިއްބުމާއި އަނބުރާ ފޮނުވާލުމުގައި އަމަލު ކުރަންޖެހޭ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ދެ މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތީސް، މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ތިން މަސް ތެރޭގައި ހަދަންޖެހޭ ކަމަށް އެ ގަވާއިދުގައިވެ އެވެ.