ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ލައިވްކޮށް ކުރިއަށް ގެންގޮސްފި އެވެ.
ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން ލައިވްކޮށް ޝަރީއަތެއް ކުރިއަށް ގެންގޮސްފައިވައިވަނީ އިއްޔެއެވެ. ނަމަވެސް އެއީ ބަދުއަޚުލާގީ މައްސަލައަކާ ގުޅުންހުރި ޝަރީއަތެއް ކަމަށްވާތީ އެ ޝަރީއަތް ލައިވެއް ނުކުރެ އެވެ. އެކަމަކު މިއަދު ކުރިއަށް ގެންދިޔައީ ވަޒީފާއާބެހޭ މައްސަލައެއް ކަމަށްވާތީ އެ ޝަރީއަތް ލައިވްކޮށް ދެއްކި އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. އެ މައްސަލައަކީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ އެކެވެ.
ފަނޑިޔާރުންނާއި ވަކީލުން އެ ބޭފުޅަކު ބޭނުންވާ ތަނެއްގައި އިންނަވައިގެން އޮންލައިންކޮށް އެ ޝަރީއަތުގައި ބައިވެރިވެ ވަޑައިގަތްއިރު، ޝަރީއަތް ލައިވްކޮށް ދައްކަމުން ދިޔައީ ޔޫޓިއުބް މެދުވެރިކޮށެވެ. އެކި ބޭފުޅުން އެކި ތަންތަނުގައި ތިބެގެން ޝަރީއަތުގައި ބައިިވެރިވިޔަސް، ޝަރީއަތުގެ އާންމު އުސޫލުން ފަނޑިޔާރުން ގައުނު ތުރުކުރައްވައިގެން ތިއްބެވިއިރު، ވަކީލުން ތިއްބެވީ ކޯޓު ތުރު ކުރައްވައިގެންނެވެ.
މީގެކުރިން ރާއްޖޭގައި ޝަރީއަތެއް ލައިވްކޮށް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތެވެ.