ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 120 މީހަކު ރަނގަޅު ވެއްޖެ އެވެ.
އެއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 608 އަށް އަރާފައި ވާއިރު އިއްޔެ ވެސް 35 މީހުން ވަނީ ރަނގަޅުވެފަ އެވެ. އޭގެ ކުރީ ދުވަހު ވަނީ 52 މީހުން ރަނގަޅުވެފަ އެވެ.
އެންއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 120 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ.
އަފްޒަލް ވިދާޅުވީ ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 33.03 ޕަސެންޓް މީހުން ރަނގަޅުވެފައިވާ ކަމަށެވެ.
ކޮވިޑްގެ ބަލި މީހަކު ރާއްޖެއިން ފެނުނުތާ މިއަދަށް 87 ދުވަސްވެފައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1800 އިން މައްޗަށް އަރާފައެވެ. މި ދިޔަ ހަފްތާގައި ގިނަ ބަޔަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ނަމަވެސް މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 12 މީހުންނެވެ.
މިހާތަނަށް ހަތް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ތިން ބިދޭސީންނެވެ. ކޮވިޑް-19 ޖެހިގެން މިއަދު ހެނދުނު 6:20 ގައި މަރުވީ ހުޅުމާލޭ އައިސޮލޭޝަން ފެސިލިޓީގައި ހުރި 89 އަހަރުގެ ދިވެހި އަންހެނެކެވެ.