ވޭތުވެ ދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް ޒަކާތު ފައިސާ ބެހި މައްސަލާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ފިތުރު ޒަކާތް އޭގެ ހައްގުވެރިންނަށް އިންސާފުވެރި ކަމާއެކު ބެހުމަކީ އިސްލާމް ދީނުގައި ދީނުގައި ބާރުއަޅާފައިވީ ކަމަށްކަށް ވީ ނަމަވެސް އިސްލާމިކް މިނިސްޓްރީއިން މިއަހަރު އަމަލުކޮށްފައިވަނީ ޒަކާތު ފައިސާގެ ހައްގުވެރިންގެ ހައްގަށް އުނިކަން އަންނާނެ ގޮތަކަށް ކަމަށް ސިޓީގައި ވިދާޅުވެފައި ވެ އެވެ.
އެ ސިޓީއާ ގުޅިގެން މިއަދު ވަނީ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ. ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ނިމިދިޔަ އަހަރު އެކުލަވާލާފައިވާ ފަގީރުންގެ ލިސްޓަށް މިއަހަރު ޒަކާތު ފައިސާ ބެހުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ.
އެސިޓީއާ ގުޅިގެން ކޮމިޓީގައި ވާހަކަ ދައްކަވަމުން ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ ކޮވިޑްގެ މިހާލަތާއި ގުޅިގެން ފަގީރުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ދިރިއުޅުމުގެ ހާލަތަށް އައި ބަދަލުގެ ސަބަބުން ފަގީރު ކަމުގެ ހާލަތަށް އައި ފަރާތްތައް ވަރަށް ގިނަ ވާނެ ކަމަށެވެ.
ޝިޔާން ކޮމިޓީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ 1440 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1439 ވަނަ އަހަރުގެ ލިސްޓަށް ކަމަށާއި ވީމާ މިމައްސަލަ އިސްކަމެއް ދީގެން ބައްލައިދެއްވުން އެދޭ ކަމަށެވެ.