twitterviber whatsapp telegramfacebookyoutube instagram
18th April 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވާއިދު އެކުލަވާލައި އާންމުކޮށްފި

ނަބީލާ އިސްމާޢީލް
Jun 4, 2020

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ގަވާއިދު އެކުލަވާލައި، އާންމުކޮށްފި އެވެ.

މިއީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 94 ވަނަ މާއްދާ އިން ހެލްތު މިނިސްޓަރަށް ދީފައިވާ އިޚުތިޔާރުގެ ދަށުން ހެދި ގަވައިދެެކެވެ. އެ މާއްދާގައިވާ ގޮތުން، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ވަކި މާއްދާއަކުން ގަވަައިދު ހެދުމަށް ލިބޭ ބާރުގެ އިތުރުން އެހެން ގިނަ ކަންތައްތަަކާ ބެހޭ ގޮތުން ގަވައިދު ހެދުމުގެ އިޚުތިޔާރު މިނިސްޓަރަށް އޮވެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލުކުރާނެ ގަވައިދެއް ހެދޭނެ ކަމަށް 94 ވަނަ މާއްދާގެ (ރ)ގެ (ރ) ގައި ވެ އެވެ.

މި ގަވާއިދުގެ މަގުސަދަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ދިވެހިރާއްޖޭގެ ރައްޔިތުންގެ ސިއްހަތާއި ފުރާނަ ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމާއި އެފަދަ ހާލަތެއް މެދުވެރިވުމުން އަމަލުކުރާނެ ގޮތާއި އެ ހާލަތުގައި ނެރޭނެ އަމުރުތައް ނެރުމުގައި އަމަލުކުރާނެ ގޮތް ބަޔާން ކުރުން ކަމަށެވެ.

މިގަވާއިދުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޑިރެކްޓަރ ޖެނެރަލް އަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޓެކްނިކަލް އެޑްވައިޒަރީ ކޮމެޓީއެއް އެކުލަވާލުމުގެ އިހުތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.

ހެލްތު މިިނިސްޓްރީން ހެދި ގަވައިދުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގިނަ ބާރުތަކެއް ލިބިފައިވެ އެވެ. ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގައި ލަފާދޭނެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އެކުލަވައިލުމާއި އެ ގްްރޫޕުން މެމްބަރުން ވަކިކުރުމަށް ހުށަހެޅުމުގެ ބާރުވެސް ދީފައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.

އަދި ކަރަންޓީން ކުރުން ނުވަތަ އެކަހެރި ކުރުމާގުޅޭ ކަންކަމާއި ވެކްސިން ދިނުމާގުޅޭ ކަންކަމުގައި އަމަލު ކުރާނެ ގޮތްތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އަދި އެއްވެ އުޅުން މަނާކުރުމާއި، މީހުން ވަކިތަނަކަށް ދިއުން މަނާކުރުމާއި ދަތުރު ފަތުރުކުރުން މަނާކުރުން ނުވަތަ އެކަން ކޮންޓްރޯލް ކުރުމާގުޅޭ ކަންކަންވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ވަކިގެއެއް ނުވަތަ އިމާރާތެއް ކަރަންޓީނު ކުރާނެ ގޮތާއި ފަރުވާ ދިނުމަށް މީހަކު ނުރުހޭނަމަ އަމަލުކުރާނެ ގޮތާއި ސާމްޕަލް ނެގުމުގައި އަމަލުކުރާނެ ގޮތާއި ކޯޓު އަމުރަށް އެދޭނެ ގޮތްވެސް އެ ގަވާއިދުގައިވެއެވެ. މި ގަވާއިދުގައިވާ ގޮތުން އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެކަމަށް ވަޒީރު އިއުލާނު ކޮށްފައިވާ ދަނޑިވަޅެއްގައި ކޯޓު އަމުރެއް ހޯދުމަކާ ނުލައި، މީހުން ދިރިއުޅޭ ތަނަކަށް، ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް، ނުވަތަ އާންމު ތަނަކަށް ވަނުމުގެ ހުއްދަ، ޑިރެކްޓަރ ޖެނެރަލަށް ނުވަތަ ޑިރެކްޓަރ ޖެނެރަލް ކަނޑައަޅާ އެހެން ފަރާތަކަށް ލިބިގެންވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަދުކުރާނެ ބަޖެޓެއް އޮންނަން ޖެހޭއިރު ކޮންމެ އަހަރަކުވެސް ވަކި އަދަދެއްގެ ފައިސާ ދައުލަތުގެ ބަޖެޓްގައި ކަނޑައަޅަންވާނެ ކަމަށް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއި ގުޅިގެން މިދިޔަ މަޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެ މުޅި ރާއްޖެއަށް އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ. އަދި މިހާތަނަށް ރާއްޖޭގައި މި ބައްޔަށް 1850 މީހުން ޕޮޒިޓިވްވެފައިވާއިރު ބަލިޖެހުނު 644 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މި ބަލީގައި ރާއްޖެއިން 7 މީހަކު ވަނީ މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355