ކޮވިޑް-19 އިގެ ބަލާއާފާތަށް ފަހު ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ ވަަރަށް ފްލައިޓްތައް ރާއްޖެ ނައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ބުދަ ދުވަހު އޮތް ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި މެންބަރުން ވަނީ އަލުން ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ އަދަދަށް ފްލައިޓްތައް ރާއްޖެ އަންނާނެތޯ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނާ ވަނީ ސުވާލު ކޮށްފަ އެވެ.
އެގޮތުން ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ ރާއްޖެ ހުޅުވާލާއިރު އުންމީދު ކުރާ އަދަދަށް ފްލައިޓްތައް ނާންނާނެ ކަމަށެވެ. ފުރަތަމަ އަންނާނީ ޕްރައިވެޓް ޖެޓްތައް ކަމަށް ބެލެވޭ ކަމަށެވެ.
ރާއްޖެއަށް ދަތުރުކުރާ ބައެއް ގައުމުތަކުގެ ބޯޑަރުތައް އަދި ހުޅުވާލަން ނިންމާފައި ނުވާތީ އެއީ ގިނަ ފްލައިޓްތަކެއް ފުރަތަމަ ދުވަސްކޮޅު ރާއްޖެއަށް އައުމަށް އޮތް ހުރަހަކަށް ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ކޮމެޓީ ބައްދަލުވުމުގައި އަލުން ރާއްޖެ ހުޅުވާލަން ތައްޔާރުވަމުންދާއިރު އެކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށާއި ބޯޑަރު ހުޅުވާލުމާއި ގުޅޭ ގޮތުން ސަރުކާރުން މައުލޫމާތު ހާމަ ކުރުމާއެކު އެއާޕޯޓްތަކާބެހޭ ގައިޑްލައިންގެވެސް އާންމު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.