ކޮވިޑް-19ގެ ސަބަބުން ސްކޫލުތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލުތައް ހުޅުވޭއިރު ސްކޫލުތަކުގައި ބޭނުންކުރުމަށް 500 ޑިޖިޓަލް އައިއާރު ތަރމޯމީޓަރު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހާރު ތަރމޯމީޓަރު ހޯދުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު މި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީ ގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއުގައި ރަޖިސްޓްރީ ކުރުމަށް މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި ދިހަ ހާސް ރުފިޔާ ހުށަހަޅަންޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅައަޅާ ތާރީހުން ފެށިގެން 30 ދުވަހެވެ. އަދި މި ޕްރޮޖެކްޓްގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ މިމަހުގެ 15 ވަނަދުވަހުގެ 11:00 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މި މަޝްރޫއާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ މިމަހުގެ 10 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެމިނިސްޓްރީއަށް އެދުމުގެ ފުރުސަތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލާފަ އެވެ.
500 ޑިޖިޓަލް އައިއާރު ތަރމޯމީޓަރ ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވާއިރު ސްކޫލްތަކުގެ ކުލާސްރޫމްތަކަށް 12,500 އަތްދޮންނަ ސައިބޯނި ފުޅި ހޯދުމަށްވެސް ވަނީ އިއުލާނުކޮށްފަ އެވެ.