ކޮވިޑް-19 އިގެ ސަބަބުން ވިޔާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރު ޕެޖޭކްތަކާއި ޕްރޮތްރާމްތަކަށް ރައްޔިތުންގެ މަޖިލީހުން އަރުވާ ލަފާގެ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި އެވެ.
ކޮވިޑް-19 ގެ ރޯގާއާ ގުޅިގެން އިގްތިސާދު ދަށްވާތީ ސަރުކާރަށް ލަފާ ދިނުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
އެ މައްސަލަ މަޖިލީހުގެ 13 ކޮމިޓީއަކުން ދިރާސާކުރި އެވެ. އަދި ކޮންމެ ކޮމިޓީއަކުން މަޖިލީހުގެ ލަފާގައި ހިމަނާނެ ހުށަހެޅުންތަކާއެކު ރިޕޯޓެއް އެކުލަވާލައި ތަޅުމަށް ފޮނުވި އެވެ.
އެ ރިޕޯޓްތަކުގައި 300 އަށް ވުރެ ގިނަ ހުށަހެޅުން ހިމެނެ އެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް ވެގެން ދާނެ ގޮތުގެ އަންދާޒާތަކާއި އިތުރު ކުރެވޭނެ ގޮތްތައް ހިމަނާފައިވެ އެވެ. މި ހާލަތުގައި ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވޭ މިންވަރާއި އެ ފަރާތްތައް އިނާޔަތެއް ދިނުމާ ގުޅޭ ހުށަހެޅުންތައް ވެސް ހިމެނެ އެވެ.
މީގެ އިތުރުން ގޭގެ ކުލި ނުދެއްކިގެން މަގުމަތިވެފައިވާ މީހުންގެ ބޯހިޔަވާހިކަން ކަށަވަރު ކުރުމާއި އަސާސީ ހިދުމަތްތައް އެންމެނަށް ލިބޭ ކަން ކަށަވަރު ކުރުމަށް ވެސް އެ ލަފާގައިވެ އެވެ. ރައީސް ސޯލިހަށް މިއަދު ދެއްވާފައި ވަނީ ކޮމިޓީތަކުގެ ރިޕޯޓްތަކުގެ ހުލާސާ ރިޕޯޓެކެވެ.
ރައީސް އޮފީހުގައި އެކަމަށް ބޭއްވި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް ނަޝީދުގެ އަރިހުގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އާއި ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ ބައިވެރިވެވަޑައިގެންނެވި އެވެ.