ކޮވިޑް-19 ގެ ސަބަބުން ވަޒީފާއަށް އަސަރު ކުރި މީހުންނާއި މަސައްކަތްތެރިނަށް އެހީވާން ސަރުކާރުން ހިންގާ "އިންކަމް ސަޕޯޓް" މަޝްރޫ އަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރު ގެ އެހީއެއް ދީފި އެވެ.
ވޯލްޑް ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ 'ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' ވާލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މިއަދު ފާސްކޮށްފައިވާ ކަމަށާ، މި މަޝްރޫއުގެ ދަށުން، ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތައް ވެސް ވަރުގަދަކުރެވިގެންދާނެ އެވެ.
"ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާ އެކު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިންނެވެ. މި މަޝްރޫއަށް ޖުމްލަ ހޭދަކުރެވޭނީ 12.8 މިލިއަން ޑޮލަރެވެ.
ކޮވިޑް-19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓަކީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އިގްތިސާދީ ހީނަރުކަމުގެ ސަބަބުން މަސައްކަތްތެރިންނަށް ކުރިމަތިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެ އަށް އެހީތެރިވުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.
މި މަޝްރޫއުގައި މައިގަނޑު ގޮތެއްގައި އެކުލިވިގެންވަނީ، ސަރުކާރުން ތައާރަފުކޮށްފައިވާ 'ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމް' އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމެވެ.
ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ މި މަޝްރޫއަކީ، އެންމެ ބޮޑަށް އެހީ އަށް ބޭނުން ޖެހިފައިވާ އާއިލާތަކަށް ފައިސާގެ އެހީ އަދި ކާބޯތަކެތި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބޭ އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ކޮވިޑް-19 އިންކަމް ސަޕޯޓް އެލަވެންސް ސްކީމްގެ ދަށުން ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ މަގުން ވަގުތީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެވެ. މީގެ ސަބަބުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ ހަރަދުތައް ފޫބެއްދުމަށް އެހީތެރިކަމެއް ލިބިގެން ދާނެ އެވެ.