ކޮވިޑް-19 އިގެ ހާލަތުން އަރައިގަތުމަށް ކުރާ މަސައްކަތަށް މިދިޔަ ހަފުތާގައި 30 މިލއަން ރުފިޔާ ހޭދަ ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރިން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ހާމަ ކުރާ "ވީކްލީ ކޮވިޑް-19 ސްޕެންޑިން" ރިޕޯޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވާން ކުރާ މަސައްކަތަށް މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަތަރު ދުވަހާއި ހަމައަށް 30 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.
އެ ރިޕޯޓު ބުނެފައިވާ ގޮތުން މިދިޔަ ހަފުތާގައި ކޮވިޑުގެ އެކި ކަންކަމަށް ހަރަދު ކުރި އަދަދު ވަނީ އޭގެ ކުރީ ހަފުތާއާއި އަޅާބަލާއިރު 3.5 ޕަސެންޓް އިތުރުވެފަ އެވެ.
ކޮވިޑް ހަރަދުގެ ތެރެއިން 612 މިލިއަން ރުފިޔާ ހޭދަ ކޮށްފައި ވަނީ ޑިސާސްޓާ މެނޭޖްމަންޓުގެ މަސައްކަތް ތަކަށެވެ. އަދި 142.6 މިލިއަން ރުފިޔާ އާއެކު ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުންވާ އާލާތާއި، ޕީޕީއީ އާއި ޓެސްޓް ކިޓު ހޯދާށެވެ. އެކަމަށް 450.3 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
ފައިސާ ހޭދަވި ދާއިރާތައް:
• ނެޝަނަލް ޑިސާސްޓާ މެނޭޖްމަންޓް: 612 މިލިއަން ރުފިޔާ
• ހެލްތު މިނިސްޓްރީ: 142.6 މިލިއަން ރުފިޔާ
• މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް: 8.5 މިލިއަން ރުފިޔާ
• އައިޖީއެމްއެޗް: 5.2 މިލިއަން ރުފިޔާ.
• ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންްސީ: 4.4 މިލިއަން ރުފިޔާ
• ފޮރިން މިނިސްޓްރީ: 3.8 މިލިއަން ރުފިޔާ
• މޯލްޑިވްސް ޕޮލިސް ސާވިސް: 1.8 މިލިއަން ރުފިޔާ
• ޖެންޑާ މިނިސްޓްރީ: 0.8 މިލިއަން ރުފިޔާ
• ހަޔާ އެޑިއުކެޝަން: 0.4 މިލިއަން ރުފިޔާ
• ނެޝަނަލް ޑްރަގް އެޖެންސީ: 0.2 މިލިއަން ރުފިޔާ
• މޯލްޑިވްސް އިމިގްރޭޝަން: 0.1 މިލިއަން ރުފިޔާ
• ޑިޒާސްޓާ މެނޭޖްމަންޓް ފަންޑް: 84.1 މިލިއަން ރުފިޔާ
• ޓުއަރިޒަމް އިމްޕްލެމެންޓޭޝަން ފަންޑް: 27.2 މިލިއަން ރުފިޔާ
• ޒަކާތު ފަންޑް: 3 މިލިއަން ރުފިޔާ
އިތުރުން ކަރަންޓީނު ފެސިލިޓީސްތަކާއި އައިސޮލޭޝަން ފެސިލިޓީސްތައް ތަރައްގީ ކުރަން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްފައިވެ އެވެ. އަދި ވެންޓިލޭޓަރު ގަތުމަށް މިހާރު ވެސް ސަރުކާރުން ދަނީ ހަރަދުތަކެއް ކުރަމުންނެވެ. އެކަން ކަމަށް މިހާތަނަށް 177.3 މިލިއަން ރުފިޔާގެ ހޭދައެއް ކޮށްފައި ވެއެވެ.
މިހާރު ކޮވިޑަށް ޖުމްލަ ހަރަދުވި އަދަދު ވަނީ 923.2 މިލިއަން ރުފިޔާއަށް އަރާފަ އެވެ.