ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އެންއީއޯސީގެ ތަރުޖަމާނު، މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ 10 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރް މެޝިނެއް ބަހައްޓާނެ ކަމަށާއި
އެ މެޝިނުން ދުވާލަކު 100-150 އާ ދެމެދުގެ އަދަދެއްގެ ސާމްޕަލް ޓެސްޓު ކުރެވޭނެ ކަމަށެވެ.
މާލޭގެ އިތުރުން މިހާރު އައްޑޫ ސިޓީވެސް ކޮވިޑަށް ދަނީ ޓެސްޓު ކުރަމުންނެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ ކޮވިޑް-19 ވައިރަސް ހުރިތޯ ދެނެގަތުމަށް ހަދާ ޕީސީއާރު ޓެސްޓް މިހާރު އެ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ޕީސީއާރް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓް ކިޓުތައް ހޮސްޕިޓަލަށް ލިބިފައިވާކަމަށް އެހޮސްޕިޓަލުން ބުނެ އެވެ.
ޕީސީއާރަށް އައްޑޫ އަދި ކުޅުދުއްފުށިން، ކޮންމެ ސިޓީއަކުން ދެ ލެބް ޓެކްނީޝަނުން ވަނީ ތަމްރީނުކޮށްފައެވެ. ލެބް ޓެކްނީޝަނުން މިހާރު ރަށަށް ގޮސްފައި ވާއިރު، ކަރަންޓީނު މުއްދަތު ހަމަ ކުރުމަށްފަހު، ހިދުމަތަށް ނުކުންނާނެ އެވެ.
އައްޑޫ އަދި ކުޅުދުއްފުށީގެ އިތުރުން ބ. އޭދަފުށީގައި ވެސް ޕީސީއާރް މެޝިން ބަހައްޓަން ސަރުކާރުން ވަނީ ނިންމައިފައެވެ.
އެންއީއޯސީން ވަނީ ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓެސްޓުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރައްވަމުންދާކަމަށް މީގެ ކުރިން ބުނެފަ އެވެ.