ކޮވިޑްގެ ބަލިމަޑުކަން ނެތް ރަށްރަށުގައި އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ސުކޫލްތައް ހުޅުވަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސުކޫލްތައް ހުޅުވުން ފޭސްތަކަކަށް ބަހާލާފައިވާ ކަމަށާ ތުއްތު ކުދިންގެ ކުލާސްތައް ފަށާނީ ފަހުން ކަމަށެވެ. އަދި ޖުލައި އެއް ވަނަ ދުވަހު ސުކޫލްތައް ހުޅުވަން ނިންމީ އެޗްޕީއޭގެ އިރުޝާދާއެކުގައި ކަމަށެވެ.
ޖުލައި މަހު ކިޔެވުން ފެށިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ހުރި ޓީޗަރަކު ސުކޫލަށް ނުދާނެ އެވެ. އަދި އަލާމާތެއް ހުރި ދަރިވަރުން ވެސް ސުކޫލްތަކަށް ނުފޮނުވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އޭނާ ވިދާޅުވީ ސުކޫލްތައް ހުޅުވަން ތައްޔާރީތައް ވަމުންދާއިރު ސުކޫލްތަކުން އަމަލު ކުރަންޖެހޭ ގައިޑްލައިން ވެސް ތައްޔާރު ކޮށްފައިވާ ކަމަށާއި ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަންކަމާއި، ސުކޫލް ހުޅުވުމަށްފަހު ކުރަންޖެހޭ ކަންކަން ވަރަށް ތަފްސީލްކޮށް އެ ގައިޑްލައިންގައި ހިމަނާފައިވާނެ ކަމަށެވެ.
މިނިސްޓަރު ކޮންމެ ދަރިވަރަކުވެސް ސްކޫލް ގޭޓް ކައިރިން ހުން ޗެކް ކުރުމަށްފަހު ނޫނީ ކްލާސް ރޫމަށް ނުވައްދާނެ ކަމަށައި ސުކޫލަށް ދަރިވަރުން ދާނީ މާސްކް އަޅައިގެން ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުން އެންމެ ސަމާލުކަން ދޭ ސްކޫލް ނާސްތާ ޕްރަގްރާމެއް ނޯންނާނެ އެވެ