ލޮކްޑައުން އަށް ލުއިތައް ދިނުމުން އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ބަލަަން ކުރާ ދިރާސާއެއް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފަށައިފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ ދިރާސާއަށް ސާމްޕަލް ނަގާނީ ހައި ރިސްކް ގްރޫޕްތަކުންނާއި އެންމެ ފަސޭ އިން ބަލި އަރާނެ ކަމަށް ބެލެވޭ ގްރޫޕްްތަކުގެ މީހުންގެ ގައިން ކަމަށެވެ. އެގޮތުން ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންނާއި އާއްމުންގެ ތެރެއަށް ގިނައިން ނުުކުމެ މަސައްކަތް ކުރަން ޖެހޭ މީހުންގެ ސާމްޕަލްތައް ކަމަށެވެ.
ޑރ. ރަހީމާ ވިދާޅުވި ގޮތުގައި މިވަގުތު ކުރެވޭ އެންމެ މުހިންމު ދިރާސާއަކީ ފުރަބަންދަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބަލި ފެތުރުމަށް އަންނަ ބަދަލުތައް ދިރާސާކުރުމެވެ.
ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ) ގެ ކްލަސްޓާ ހެޑް އަބްދުލް ހަމީދު ވިދާޅުވީ ދިރާސާ އަށް ބޭނުންވާ ސާމްޕަލްތައް މިހާރު ވެސް ނަގަމުން އަންނަ ކަމަށާއި ދިރާސާގެ ބޭނުމަށް ފުރަތަމަ ހަފްތާފައި ނަގަން ޖެހޭ ސާމްޕަލްތަކުގެ 50 ޕަސެންޓް މިހާރު ނެގިއްޖެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ކުރެވޭ މުހިންމު ދިރާސާތައް ފަދަ މަސައްކަތްތަކުގައި ގައުމީ ޔުނިވާސިޓީގެ 1،200 ދަރިވަރަކު ހަރަކާތްތެރިވަމުންދާކަމަށް ވެސް ޑރ.ރަހީމާ ވިދާޅުވިއެވެ. އެމްއެންޔޫ އާއި އެޗްޕީއޭން ކުރިއަށް ގެންދާ އެ ދިރާސާ ކުރިއަށް އޮތް ދެމަހެއްހާ ދުވަހަށް ދެމިގެންދާނެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދިރާސާތައް އަމާޒުކުރެވޭ ދާއިރާތަކުގެ ތެރޭގައި ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ހަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް ހިމެނެއެވެ.
މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން މަތީ ތައުލީމުގެ ދާއިރާ، ކޮންސްޓްރަކްޝަން، އަދި ހައުސިންގް ގެ ދާއިރާއަށް ކުރާ އަސަރުތައް ބެލުމަށްވެސް ދިރާސާތަކެއް ދަނީ ކުރެވެމުންނެވެ.