ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނަށް ބައެއް ބަދަލުތައް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ގައިޑްލައިނަށް ބަދަލުތަކެއް ގެންނަން ނިންމަވާފައި ވަނީ މިއަދު ކުރިއަށް ދިޔަ، ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީގެ ދެވަނަ ބައްދަލުވުމުގައި އެ ގައިޑްލައިނާ ގުޅޭގޮތުން ޓާސްކްފޯސްގެ ބައިވެރިންނާއި މަޝްވަރާކުރެއްވުމަށްފަހު އެވެ.
ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުގެ ތެރޭގައި ހުޅުވާލާއިރު އެކަމުގައި ސަރުކާރުން ވިސްނުންގެންގުޅުއްވާ ގޮތް ބައްދަލުވުމުގެ ބައިވެރިންނަށް ރައީސް ހިއްސާކުރެއްވި އެވެ. އެއަށްފަހު ރައީސް ވަނީ ގައިޑްލައިންގައި ހުރި ބައެއް މާއްދާތަކާމެދު ޓާސްކްފޯހުގެ މެންބަރުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާފަ އެވެ.
އެގޮތުން އެ ބައްދަލުވުމުގައި ޓާސްކްފޯހުގެ މެންބަރުން ހިޔާލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ފަތުރުވެރިން ރާއްޖެ އަންނައިރު އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކާއި، ފަތުރުވެރިން ކޮވިޑް-19 އަށް ޓެސްޓުހެދުން ހިމެނެއެވެ.
އަދި އައިސޮލޭޓް ކުރުމާއި ގުޅޭގޮތުން ހުރި ބައެއް މާއްދާތަކާއި އަދި ރިސޯޓްތަކަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކޮށްފައިވާ މާއްދާތަކުގައި ހުރި ކަންކަމަށްވެސް ހިޔާލު ހުށައެޅުއްވި އެވެ.
އެގޮތުން މި ބައްދަލުވުމުގައި ރައީސް ވަނީ ޓާސްކްފޯހުގެ ބައިވެރިންގެ ހިޔާލާއެކު ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ނިންމަވާފައެެވެ. ނަމަވެސް އެއީ ކޮން ބަދަލުތަކެއްކަމެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހި ރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުންޏެވެ.