ގއ މާމެންދޫއިން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެރަށުން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި އެ ރަށުގެ ފިރިހެނެކެވެ. އޭނާ ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެންއީއޯސީން އިއްޔެ ބޭއްވި މީޑިއާ ބްރީފިންގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖާމަން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޕޮޒިޓިވްވި ފިރިހެން މީހާއަކީ މިދިޔަ މަހުގެ 31 ގައި މާލެ އައި މީހެއް ކަމަށެވެ. އަދި އޭނާ އަނބުރާ ރަށަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ވިދާޅުވި އެވެ.
އެ މީހާ ދަތުރުކުރި މަތިންދާބޯޓުގައި އިތުރު 40 މީހަކު ތިބި ކަމަށާއި އޭގެ ތެރޭގައި ގިނައީ އެ އަތޮޅު ގެމަނަފުށީ މީހުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. އެހެންވެ، މާމެންދު އާއި ގެމަނަފުށި މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާމެންދޫއިން މިއަދު ޕޮޒިޓިވްވި ދެމީހުންނަކީ ފުރަތަމަ ޕޮޒިޓިވްވި މިހާގެ އެއްބަނޑުއެއްބަފާ ދެ އަންހެނުންނެވެ.
މި ކޭސްތަކާ ގުޅިގެން މާމެންދު އާއި ގެމަނަފުށީގައި ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރިއަށް ގެންދަމުންނެވެ..