twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިޔާ ފްލެޓްގެ ބަހުސް - މިހާރުގެ ހާލަތުން މިންޖުވާނެ ގޮތެއް ބޭނުން

Jun 29, 2020

"އޮފީހަށް ދާން ގަޑިޖެހުނަސް ހެޔޮ. ބޭނުންވަނީ މިހާރު މިއުޅޭ ހާލަތް ދޫކޮށް ފްލެޓަށް ބަދަލުވާން." މިއީ ފްލެޓްތަކުގެ ބަހުސްގެ ތެރެއަށް ޓްވިޓާގައި މީހަކު ދޫކޮށްލާފައި އޮތް ކޮމެންޓެކެވެ. ހިޔާ މަޝްރޫއުގެ އަޑުގަދަ ވެފައިވާއިރު ރައްޔިތުންގެ މެދުގައިވެސް މިކަމުގެ ބަހުސް މިވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ފްލެޓްތައް ދިނުން ލަސްވާ މައްސަލާގައި އާއްމު ރައްޔިތުންނާއި އިދިކޮޅުގެ ފާޑުން ކިއުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ހިޔާ ފްލެޓުތަކަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ މަޝްރޫއެކެވެ. ޗައިނާގެެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ އެ މަޝްރޫއަކީ އެތައް ހާސް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ތަނެކެވެ. މިތަން ހަވާލު ނުކޮށްގެން ރައްޔިތުން ކެއްމެދުވެފައިވާއިރު ސަރުކަރުން ވަނީ ފްލެޓްތައް ހައްގުވެރިންނަށް ނުދީ ހިފަހައްޓައިގެން ތިބެން ބޭނުން ނުވާކަމަށް ބުނެފައެވެ.

ސަރުކާރުގެ ވާހަކަތައް

މުޅި "ހިޔާ މަޝްރޫއު"އަކީ ކުރީގެ ސަރުކާރުން ކޮށްފައިވާ ބޭކާރު ހަރަދެއްކަމަށްވެސް މިސަރުކާރުން ވަނީ ސިފަކޮށްފައެވެ. އެންމެ ފަހުން ހިޔާ ފްލެޓު މަޝްރޫއުގެ މަސައްކަތާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައިސް ވިދާޅުވީ އަވަހަށް ފްލެޓްތައް ބޭނުންވެގެން އުޅޭތީ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ފިނިޝިން ނުނިންމައި ފްލެޓްތައް ހަވާލުކުރުން ކަމަށެވެ. ނަމަވެސް ހަވާލު ކުރާނެ ވަކި ތާރީހެއް ރައީސް ވިދާޅުވެފައެއް ނުވެއެވެ. ރައީސް ޔަގީންކަން ދެއްވީ ވީހާވެސް އަވަހަކަށް އެ ފްލެޓްތައް ހައްގުވެރިންނަށް ދޫކޮށްލާނެ ކަމެވެ.

އެހެންކަމުން ފްލެޓްތައް އޭގެ ހައްގުވެރިންނަށް ލިބޭއިރު ފްލެޓުގައި ދޮރެއް ނުހުންނާނެއެވެ. އަދި ފަންކަލެއް ބޮއެއްކެއްވެސް ނުހުންނާނެއެވެ. މުށި ޖަހާ، އިންޓަރނެޓް ނުވަތަ ކޭބަލް ޓީވީގެ ހިދުމަތްފަދަ އެހެނިހެން ޒަރޫރީ ކަންކަން ކުރަންޖެހޭނީ ފްލެޓު ލިބޭ ފަރާތުންނެވެ. ފްލެޓްގެ ހައްގުވެރިންނަށް ތަން ހަވާލުކުރުމަށް ފަހު ދޮރުތައް ބަހައްޓައި މުށި ޖަހައި ކުލަ ލާން ވަގުތުކޮޅެއް ދޭނެ ކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ. އަދި ފްލެޓް ހަވާލުކޮށް ހިނގާ އެ މުއްދަތުގައި ކުލި ނުނަގަން މިހާރު ވަނީ ނިންމައިފަ އެވެ.

ބައެއް ރައްޔިތުންގެ ބަސް - ބޭނުންވަނީ ހިޔާ ފްލެޓްއަށް ބަދަލުވާން

ހިޔާ މަޝްރޫއާ ގުޅޭގޮތުން ކުރެވޭ ބަހުސްގައި ދެކޮޅު އެބައޮތެވެ. އޭގެން އެއްކޮޅުގައި ތިބީ މިހާރުން މިހާރަށްވެސް އެތަނަށް ބަދަލުވާން ބޭނުންވާ މީހުންނެވެ. އެމީހުން ބުނާގޮތުން އެއީ "ބޮޑު ކުލީގެ އަޅުން" ނެވެ. އެފަރާތްތަކުން ބުނާގޮތުން މިހާރުވެސް މާލޭގައި ދިރިއުޅެމުންދަނީ ކުދި އެޕާޓްމަންޓްތަކާއި ކުދިކުދި ކޮޓަރިތަކުގައި ތޮއްޖެހިގެންނެވެ. އުޅެނީ ކުޑަކޮޓަރިއެއްގައި 10 މީހުންގެ އާއިލާއެއް އެކޮށެވެ. ނިދަނީ ޑިއުޓީ ބަހައިގެންނެވެ. ފިލާވަޅު ދަސްކުރަން ދަރިންނަށް ތަނެއް ނެތެވެ. އެއްކޮށް އުޅެނީ އެތައް އާއިލާއެއް އެއްކޮށެވެ.

މާލޭގައި ތޮއްޖެހުމުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލައެއް ވަނީ ނުކުމެފައެވެ. ދަރިން ގޭގައި ނުތިބެ ނުކުމެ އަވައްޓެރި ކުދިންނާގުޅެ މަސްތުވާތަކެތީގެ ވަބާގައި ޖެހުނީއެވެ. ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ކައިވެނީގެ ގުޅުންތައް ހީނަރުވެސް އެތައް ކައިވެންޓެއް ރޫޅުމުގެ ސަބަބެއްކަމުގައި ވެސް މާލޭގައި އުޅެންޖެހުނު ހާލުވާނެއެވެ. އެހެންކަމުން އެފަރާތްތަކުން ބޭނުންވަނީ މިހާރުގެ ހާލަތުން ބަދަލުވާށެވެ.

އެހެންކަމުން ތަންކޮޅު ކުޑަވި ނަމަވެސް މިހާރު ބޮޑު ކުލީގައި އުޅެމުން އަންނަ ތަންތަނަށްވުރެ ޕްލެޓުތައް ބޭނުން ކަމަށް އެތައްބަޔަކު ދަނީ ބުނަމުންނެވެ. އަދި ފިނިޝިންގެ މަސައްކަތް ނުނިންމާ ވިއަސް ތަނުގެ ހައްގުވެރިންނާއި ފްލެޓްތައް އަވަހަށް ހަވާލުކުރުމަށް ދަނީ ގޮވާލަމުންނެވެ.

ބައެއް ރައްޔިތުންގެ ބަސް - ހިޔާ ފްލެޓް ކަމަކު ނުދޭ

ދެންއޮތީ ބަހުސްގެ އަނެއްކޮޅެވެ. އެފަރާތްތަކުން ބުނާ ގޮތުން އެތަން މާބޮޑަށް ވެސް ކުޑައެވެ. ލިފްޓް މަދެވެ. ދޮންނަމެޝިނު ބަހައްޓާތަންކޮޅު ވަރަށް ހަނި އެވެ. އެތަނަކީ އުޅެން ހެޔޮވާވަރު ތަނެއްނޫނެވެ. އެހެންކަމުން އޮފީހާއި ސްކޫލް ގަޑިތަކުގައި އެއިން ޓަވަރަކުން ތިރިއަށް ފައިބައިން ވަގުތު ނަގާނެކަމަށާއި ގާތްގަނޑަކަށް ދެ ގަޑިއިރު ކުރިން ބޮޑު ކިއޫއެއް ލިފްޓް ކައިރީގައި ހަދަން ޖެހޭނެ ކަމަށް ބައެއް މީހުން ސިފަކުރެ އެވެ.

ފިނިޝިން ނުނިންމައި މިތަންތަން ދީފިނަމަ، ފިނިޝިން ނިންމަން އަމިއްލަ އަތުން އެތައް ހަރަދެއް ކުރަން ޖެހޭނެއެވެ. މިހާރުވެސް މިއުޅެނީ އަނގަޔާއަތާ ދިމާނުވެގެންނެވެ. އަދި ރާއްޖޭގެ ކުޑަރަށެއްގެ އާބާދީ ވަރުގެ އާބާދީއެއް އެއް އިމާރާތުގައި އުޅެން ފެށުމުން އެތައްބައިވަރު އިޖުތިމާއީ މައްސަލަތައް ނުކުންނާނެ ކަމަށް ބައެއްމީހުން ގަބޫލު ކުރެއެވެ. މިފަރާތަކަށް ހިޔާ ފްލެޓްތައް ކަމަކު ނުދިޔައެވެ.

ކަންކަން ރަނގަޅުކުރަން ސަރުކާރަށް ވަގުތު ލިބުން

ރައީސް ޔާމީނުގެ ސަރުކާރު ދިމިގެންދިޔައިރު ހިޔާ މަޝްރޫއުގެ ފްލެޓްތައް ހުރީ ގާތްގަނޑަކަށް ނިމިފައެވެ. އެއީ ފިނިޝިން ނުހިމަނައެވެ. އަދި ފިނިޝިން ނިންމުމަށް ބޭނުންވާ ފަންޑް ހަމަޖެހިފައި އޮތްކަމަށާއި ޖެހިގެން އައި އަހަރު މުޅިން ނިމި ތަޅުދަނޑި ހަވާލު ކުރެވުނީސްކަމަށް އޭރުގެ މިނިސްޓަރުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ފްލެޓްތައް ލިބޭމީހުންގެ ލިސްޓްގެ ތެރެއަށް ނުފޫޒު ވަދެފައިވާކަމަށް އަޑުފެތުރިފައި އޮތުމުން ރައްޔިތުންތިބީ ހިތްހަމަނުޖެހިފައެވެ. އަދި ރައީސް ސޯލިހްގެ ސަރުކާރު އައިސްފައިވަނީ އިހުލާސްތެރި މަސައްކަތެއްކޮށް ފްލެޓްގެ ހައްގުވެރިންނަށް އެތަންތަން ހޯދައިދިނުމުގެ ވާހަކަތައް ދައްކަމުންނެވެ. އެއާއެކު ރައީސް ސޯލިހުގެ ސަރުކާރާމެދު ރައްޔިތުން ތިބީ ފޮނި އުއްމީދެއްގައެވެ. އަދި އެ ފްލެޓްތައް ހަވާލުކުރާނީ "އިންސާނުން އުޅެން ހެޔޮވާވަރުގެ ތަންތަނަށް" ހެދުމަށްފަހު ކަމަށް ސަރުކާރުން ބުނުމުން ރައްޔިތުން އުފާކުރިއެވެ.

ހައުސިންގ މިނިސްޓްރީގެ އެންމެ ބޮޑު ޒިންމާއަކަށްވެސް އޮތީ ބޯހިޔާވަހިކަމެވެ. އަދި ކުރިން ހައުސިންގ މިނިސްޓްރީއިން ކުރަމުން ދިޔަ ގިނަ މަސައްކަތްތައް ޕްލޭނިންގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައި އޮތުމުން، ހައުސިންގ މިނިސްޓްރީ އަކީ ފްލެޓް ލިބޭމީހުންގެ ލިސްޓް މުރާޖައާކުރަން ހާއްސަ މިނިސްޓްރީއެއްގެ ގޮތުގައިވެސް ފެނުންހެން ހީވިއެވެ. ނަމަވެސް ދޮޅުއަހަރު ފާއިތުވެގެން ދިޔައިރު އަދިވެސް ލިސްޓް މުރާޖައާކޮށް ނިމުނު ކަމަކަށް ނުވިއެވެ. ފްލެޓްތަކުގައި މުށިޖެހުން ކީއްކުރަން ދޮރެއްވެސް ހަރުކޮށްނުލެވުނެވެ. މީގެ އިތުރުން އިތުރު ފްލެޓްތަކެއް އަޅާތަނެއްވެސް ރައްޔިތުންނަކަށް ނުފެނެއެވެ.

މާލޭގެ ކުލީގެ މާކެޓަށް އަންނާނެ ލޮޅުން

ފްލެޓްތައް ހަވާލު ނުކޮށް ސަރުކާރުން ލަސްކުރަމުންދަނީ މާލޭގައި ދުވަސްވީ ކުލީގެ މާކެޓަށް އައިސްފާނެ ލޮޅުމެއްގެ ސަބަބުންކަމަށް ބައެއް މީހުން ސިފަކުރެއެވެ. އަދި ސަރުކާރުގެ ތެރޭގައި އަދި ސަރުކާރަށް ނުފޫޒު ފޯރުވާ ފަރާތްތަކުގެ ތެރޭގައި ކުލިން އާމްދަނީ ލިބޭ ފަރާތްތަކުގެ ވިޔަފާރި ދަށަށް ދާނެތިން މިކަން ލަސްކުރަނީ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އާއެކެވެ. ފްލެޓްތައް ރައްޔިތުންނަށް ދޫކޮށްފިނަމަ މާލޭގެ ކުލިތަކަށް ބަދަލު އަންނަން ފަށާނެ އެވެ. ކޮވިޑް19ގެ ސަބަބުންވެސް ކުލީގެ ބާޒާރަށް އަސަރު ކޮށްފައިވާއިރު، ފްލެޓް ދީފިނަމަ ބޮޑު ބަދަލެއް އަންނާނެއެވެ. 7000 ފްލެޓްގެ ތެރޭގައި ކޮންމެ ފްލެޓްއެއްގައި މަދުވެގެން 5 މީހުން އުޅުން ކަމުގައި ވިޔަސް އެއީ 35000 މީހުންގެ އާބާދީއެކެވެ. މިއާބާދީ އެއްކޮށް ހެޔޮ އަގުގައި ހުޅުމާލޭގެ ފްލެޓްތަކަށް ބަދަލު ވެއްޖެނަމަ، މާލޭގެ ގެދޮރުގެ ޑިމާންޑް ކުޑަވެ، ކުލިތައް ވެއްޓިގެންދާނެ އެވެ. ރައީސް ޔާމީނުގެ ސަރުކާރުގެ ޕްލޭންތަކުގެ ތެރެއިން މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ނުވަތަ ކުޑަކުރުމަށް ގާނޫނު ހެދުމުގެ ބަދަލުގައި ބޭނުންކުރާނީ ޑިމާންޑްއާއި ސަޕްލައި ކަމުގައި އޭރު ބައެއް އޮފިޝަލުން ވަނީ ބުނެފައެވެ. އެހެންކަމުން މިއީ ތެދަކަށް ވުން ގާތެވެ.

މި ކަމަކީ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާ ވަރަށް ނާޒުކު ކަމެކެވެ. އެންމެންވެސް ބޭނުންވަނީ ކޮންމެ ގޮތަކަށް ނިންމިޔަސް، ސަރުކާރުން ކޮންމެވެސް ގޮތެއް ނިންމުމެވެ. އަދި ބޯހިޔާވަހިކަމަށް ސަލާންޖަހަމުންދާ ބަޔަކަށް ބޯހިޔާވަހިކަން ހަމަޖެހިގެން ދިއުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355