twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކައުންސިލްގެ އިންޒާރު: ދަފުތަރުނުކޮށް ބިދޭސީންނެއް ނުގެންގުޅެވޭނެ، ފިޔަވަޅު އަޅާނަން

- ވިޔަފާރިތަކާއި ކުންފުނިތައް އަދި އަމިއްލަ ފަރާތްތަކުން ގެންގުޅޭ ބިދޭސީން ދަފްތަރުކުރަން ޖެހޭ
- ދަފްތަރުނުކޮށް ބިދޭސީން ގެންގުޅޭ ގެތަކުގެ ވެރިންވެސް ޖޫރިމަނާކުރާނެ
- އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދަފުތަރުކުރުމަށް ވަނީ ހުޅުވާލާފައި

ނަބީލާ އިސްމާޢީލް
Jun 28, 2020
1

ކުޅުދުއްފުށީގައި އުޅޭ ބިދޭސީ މަސައްކަތްތެރިން، ބިދޭސީންގެ ދަފުތަރުގައި ދަފުތަރު ކުރުމަކާ ނުލާ ގެންގުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ގަވައިދުގައި ބަޔާން ކޮށްފައިވާކަމަށެވެ.

އެގޮތުން ކައުންސިލްގެ އެންގުމާ ހިލާފަށް، ދަފުތަރުނުކޮށް، ކުޅުދުއްފުށީގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަދި އަމިއްލަ ފަރާތްތަކާމެދު ފިޔަވަޅުއަޅާނެ ކަމަށް ކައުންސިލުން ބުންޏެވެ އެވެ.

އަދި މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ދަފްތަރު ކުރުމަކާ ނުލައި ގަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރިންނާމެދުވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާމެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި ކުޅުދުއްފުށީ ކައުންސިލް އިދާރާއިން ހާމަކޮށްފައިވެ އެވެ.

ކުޅުދުއްފުށީގައި އުޅޭ ބިދޭސީ މަސައްކަތްތެރިން ބިދޭސީންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށް މިދިޔަ މާރޗުމަހުގައިވެސް ވަނީ އެ އިދާރާއިން އަންގާފަ އެވެ. ނަމަވެސް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަން ތަކުގައި، ކައުންސިލްގައި ދަފުތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

އެހެން ކަމުން މިހާތަނަށް ދަފުތަރުނުކޮށް އުޅޭ ބިދޭސީ މަސައްކަތްތެރިން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ދަފުތަރު ކުރުމަށް އެ އިދާރާއިން އަންގަ އެވެ. އަދި ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް އެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ.

ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ގައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ކުޅުދުއްފުށިން ވަނީ 64 ބިދޭސީއަކުން ފޮނުވާލާފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355