twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރިސޯޓްތަކާއި ބިމު ކުލި އެއް އަހަރަށް ފަސްކޮށްދީފި

ނަބީލާ އިސްމާޢީލް
Jun 29, 2020

ރިސޯޓްތަކުގެ ކުއްޔާއި ސަރުކާރުގެ އެހެން ބިންތަކުގެ ކުލި އެއް އަހަރު ދުވަހަށް ފަސް ކޮށްދޭން ފިނޭންސް މިިނިސްޓްރީން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރުގެ ތިންވަނަ ކްއާޓަރާއި ހަތަރު ވަނަ ކްއާޓަރަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލީގެ އިތުރުން، މި މަހުން ފެށިގެން އަންނަ ޑިސެންބަރުގެ ނިޔަލަށް ދައްކަން ޖެހޭ ބިމު ކުލި ދައްކަން ޖެހޭނީ، އަންނަ ޖޫން މަހުން ފެށިގެން ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ސަބަބުން އިގުތިސާދަށް ދިމާވެފައިވާ ތަދުމަޑުކަމާއި، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކުގެ ހިންގުމަށް ދަތިވެ، ވިޔަފާރިއާއި ރައްޔިތުންނަށް މާލީ ހީނަރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައި ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް އެހީވުމަށާއި ވިޔަފާރި ދެމެހެއްޓުމަށްޓަކައި ސަރުކާރުން މާލީ އެހީތެރިކަމާއި އިތުރު ލުއިތައް ފޯރުކޮށް ދޭން ކަމަށެވެ.

ފިނޭންސްގެ ސާކިއުލާގައި ބުނެފައި ވަނީ ފަސްކޮށްދޭ ކުލި އަނބުރާ ދައްކަންވާނީ އެއް އަހަރުގެ މުއްދަތަށް ބަހައިލައިގެން ކަމަށާއި، މިގޮތުން ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރަށް ބަހާލައިގެން ކަމަށެވެ.

އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސް ދުވަހަށް ބަހައިލައިގެން ކަމަށެވެ.

ކުލި ދެއްކުން ފަސްކޮށްދިން މުއްދަތުގެ ތެރޭގައި ޖޫރިމަނާއެއް ނުހިނގާނެ އެވެ. އެހެން ނަމަވެސް، އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން އެ ފައިސާ ދައްކަމުން ނުދާ ނަމަ، ޖޫރިމަނާ އާއި އިންޓަރެސްޓް އަރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355