twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jul 5, 2020

ކުޅުދުއްފުށި ސިޓީގައި ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެކަމަށް ބޭނުންވާ ހުރިހާ ސާމާނެ ލިބި ޕީސީއާރު ޓެސްޓް ހެދުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

ކޭއާރުއެޗުގައި ހުރި ޕީސީއާރު މެޝިނުން ދުވާލަކު 72 ސާމްޕަލް ޓެސްޓްކުރެވޭނެކަމަށް އެ ހޮސްޕިޓަލްގައި މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ. މިއީ އަތޮޅުތެރޭގައި ކޮވިޑް-19 ޓެސްޓްކުރެވޭނެ އިންތިޒާމު ގާއިމްކޮށް ހިދުމަތް ދޭން ފެށި ދެވަނަ ހޮސްޕިޓަލެވެ.

"މިދިޔަ ހަފްތާއިން ފެށިގެން މެޝިން ވެލިޑޭޓް ކުރުމުގެ މަސައްކަތްކޮށް، އޮންލައިންކޮށް އިތުރު ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާނެ. މިހާރު މި ހޮސްޕިޓަލުން ވެސް ރިއަލްޓައިމް ޕީސީއާރު ޓެސްޓް ކުރެވޭނެ. މިއީ މި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ލުއި ފަސޭހައެއް ކަން ޔަޤީން." މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތަނުގައި ޖީން އެކްސްޕަރޓް ކާރޓްރިޖްތައް ލިބޭނެކަމަށާ އެ ކާރޓްރިޖްތައް ލިބުމުން ޖީން އެކްސްޕަރޓް މެޝިންއިންވެސް ޓެސްޓް ކުރެވޭނެ ކަމަށެވެ. އަދި މިހާރު އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާކަމަށް އަހުމަދު ވިދާޅުވި އެވެ.

މި ވަގުތު ތަމްރީނު ފުރިހަމަ ކޮށްފައި ވަނީ ދެ ލެބް ޓެކްނޮލޮޖިސްޓުން ކަމަށް ވާތީ ފުލް ކެޕޭސިޓީގައި އަދި އޮޕަރޭޓް އަދި ނުކުރެވޭނެ ކަމަށާ ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ތަމްރީނުކުރާނެކަމަށެވެ. ކޮވިޑް-19 ގެ ޓެސްޓް ތަމްރީނުކުރުމުގައި ކޭއާރުއެޗުގެ ދެ ލެބް ޓެކްނޮލޮޖިސްޓެއް ވަނީ އައިޖީއެމްއެޗުގައި ތިން ހަފްތާގެ ތަމްރީނު ޕްރޮގުރާމު ފުރިހަމަ ކޮށްފައި އެވެ.

ޑަބްލިއު އެޗްއޯއިން ފަންޑު ކޮށްގެން ކުރިއަށް ގެންދިޔަ ޕީސީއާރު ލެބްގެ މަސައްކަތް ކޮށްފައި ވަނީ ވޭވް ލެންތު ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުންނެވެ. ލެބްގެ މަސައްކަތް ޖޫން ހަތަރެއްގައި ނިންމާލާފައިވާއިރު ޕީސީއާރު މެޝިންއާއި ގުޅޭ ސާމާނުތައް ކުޅުދުއްފުއްޓަށް ލިބިފައިވަނީ 17 ޖޫންގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355