ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗު) ގައި އުރަމަތީގެ ކެންސަރު ހުރޭ ތޯ ދެނެގަތުމަށް ކުރާ ސްކޭނިންގ (މެމޮގްރަފީ) ގެ ހިދުމަތް އަލުން ފެށުމަށް އެ ހޮސްޕިޓަލުން ތައްޔާރު ވެއްޖެ އެވެ.
މާދަމާއިން ފެށިގެން މެމޮގްރަޕީގެ ހިދުމަތް އެ ހޮސްޕިޓަލުން ލިބިގެންދާއިރު އެ ހޮސްޕިޓަލުން ބުނީ މި ހިދުމަތުގެ ސަބަބުން އުރަމަތީގެ ކެންސަރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އަަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.
މި ހިދުމަތް އަލުން ފެށުމަށްޓަަކައި މެމޮގުރަފީ ރޫމްގައި ހަރުކުރަން ޖެހޭ ލެޑް ޝީޓްތައް ހަރުކުރުމާއި، ސީލިންގ ގެ މަސައްކަތާއި، ޕާޓިޝަން ޖެހުމާއި، އޭސީ ހަރުކުރުމުގެ މަސައްކަތް މި އަހަރު ޖެނުއަރީގައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް މަސައްކަތް ނިންމާފަ އެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން @KRHmv އިން މެމޯގުރަފީގެ ހިދުމަތް ފެށިގެން ދާނެ. މި ހިދުމަތުގެ ސަބަބުން އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތަކެއް ލިބި ރައްޔިތުންގެ މި ހިދުމަތް ހޯދަން އުފުލާ ތަކުލީފަށާއި ޖީބަށް ބޮޑެތި ލުއިތަކެއް ލިބިގެން ދާނެ. pic.twitter.com/svD6iZ8Puk
— Kulhudhuffushi Regional Hospital (@KRHmv) July 16, 2020
ކޭއާރުއެޗުން 2015 ވަނަ އަހަރުވެސް ވަނީ މި ހިދުމަތް ފަށާފައެވެ. އަދި އެއިރު ހިދުމަތް ފެށުމަށް ސްކޭން ކުރުމަށް ހާއްސަ ޑޮކްޓަރަކުވެސް ހޮސްޕިޓަލަށް ހޯދާފައި ވެއެވެ. ނަމަވެސް ހިދުމަތް މެދުކަނޑާލީ ހޮސްޕިޓަލްގެ އިންފްރާސްޓްރަކްޗާއަށް ބަދަލުތަކެއް ގެނައުމަށެވެ. އެއަށް ފަހު މާދަމާ މި ހިދުމަތް ފެށިގެން މި ދަނީ ގާތްގަނޑަކަށް 3 އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.
ރާއްޖޭގައި ވެސް ކެންސަރު ބަލި އިތުރުވެ އާއްމުވެފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައިން ފެންނަ އެއް ބާވަތަކީ އުރަމަތީގެ ކެންސަރެވެ. ކޮންމެ އަންހެނަކީ ވެސް އުރަމަތީ ކެންސަރުގެ ނުރައްކަލަށް ހުށަހެޅިފައިވާ މީހަކަށް ވާއިރު އެބައްޔަށް ގަވާއިދުން ސްކްރީން ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އުރަމަތީ ކެންސަރު ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވިއްޖެ ނަމަ ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.
40 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް އަހަރަކު އެއްފަހަރު މެމޮގްރަމީއެއް ނުވަތަ އުރަމަތީގެ އެކްސް-ރޭއެއް ހެދުމަށާއި 20 އަހަރުން މައްޗަށް ދިޔުމުން ކޮންމެ ތިން އަހަރަކުން އެއްފަހަރު ޑޮކްޓަރަކު ލައްވައި އުރަމަތި ޗެކްކުރުމަށް ސިއްހީ މާހިރުން ލަފާ ދެއެވެ.