twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މާލެއިން ރަށްރަށް ދެން ދަތުރު ކުރެވޭނީ ޒަރޫރީ ބޭނުންތަކަށް އެކަނި

ޚަދީޖާ އާދަމް
Aug 4, 2020

މާލެ އިން އެހެން ރަށްރަށަށް ދެން ދަތުކުރެވޭނީ ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އައިސް ތިބި މީހުންނަށް އެކަނި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާތީ، ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް، ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އާއިޝަތު ސާމިޔާ ވިދާޅުވީ މިހާރު އެންމެ މުހިއްމު އެއް އަމާޒަކީ ރަށްރަށަށް ބަލިފެތުރުން ކޮންޓްރޯލް ކުރުން ކަމަށާއި އެހެން ކަމުން ރަށްރަށަށް ދަތުރުކުރާ އިރު ދަތުރުމަތީގައި މާސްކް އަޅައިގެން ތިބުން ވެސް އެގޮތުން މިހާރު މަޖުބޫރު ކަމަށާއި ރަށްރަށުގައި ވެސް މާސްކް އަޅައިގެން އުޅެން އެދޭ ކަމަށެވެ.

މާލެ އިން ރަށްރަށަށް ގޮސް ހޯމް ކަރަންޓީން ވުން ދެން ހާއްސަ ކުރާނީ ސިއްހީ ކަންކަމުގައި ރަށްރަށް ދާން ޖެހޭ މީހުންނާއި ޒަރޫރީ ބޭނުންތަކުގައި ދާން ޖެހޭ މީހުންނަށް އެކަނި ކަމަށެވެ.

ރާއްޖެ އަށް ކޮވިޑް ފެތުރު ކުރީކޮޅު މާލެ ސަރަހައްދު ފުރަތަމަ ލޮކްޑައުން ކުރި އިރު ވެސް އުސޫލު އޮތީ މިހެންނެވެ. އެކަމަކު މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ފިޔަވަޅުތައް ލުއިކުރަން ފެށި އިރު ރަށްރަށަށް ދަތުރުކުރުމުގައި ވެސް ލުއިތައް ދިނެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން މިއަދު އިއުލާނުކުރި އެހެން ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކާފިއު ހިންގުން ހިމެނެ އެވެ. އޭގެ އިތުރުން އެއް ފަހަރާ ފަސް މީހުންނަށް ވުރެ އިތުރަށް އެއްވެގެން އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 4293 އެވެ. އޭގެ ތެރެއިން 2670 މީހުން ރަނގަޅުވި އިރު އެ ބަލީގައި މަރުވި މީހުންގެ އަދަދަކީ 19 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355