އަތޮޅު ތެރެއިން މާލެއަށް ދާ އުޅަނދު ފަހަރު މާލެއިން ލަފާ ފުރަން ވަކި ސަރަހައްދުތަކެއް ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އަތޮޅުތަކުން މާލެ އަށް ދާ އުޅަނދުތަކަށް މާލެއާ ކައިރި ކުރެވޭނީ ވަކި ސަރަހައްދުތަކަަކަށް ކަމަށެވެ. ހަމަޖެހިފައިވާ ސަރަހައްދުތައް ނޫން އެހެން އެއްވެސް ސަރަހައްދެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.
އެގޮތުން ކަނޑައެޅިފައިވާ ސަރަހައްދުތަކަކީ
- މާލެ ދާ ދޯނި ފަހަރު ލަފާ ފުރުމުގައި ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު
- މާލެ ދާ އަދި މާލެ އިން ފުރާ ސްޕީޑު ލޯންޗުތައް އެއްނަންބަރު ޖެޓީ
- މަސް އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ލަފާ ފުރަން ހުޅުމާލެ ބަނދަރު
- އަތޮޅުތަކުން މާލެ ދާ އުޅަނދުފަހަރު ތިލަފުށި ބަނދަރު ބޭނުން ކުރުން
- ރިސޯޓުތަކުން މާލެ ގޮސް ފުރާ ސްޕީޑު ލޯންޗުފަހަރު 5 ނަންބަރު ޖެޓީ އާއި 6 ނަންބަރު ޖެޓީ
މާލެ ސިޓީ ކައުންސިލުން ބުނީ، އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން އަތޮޅުތަކާއި ރިސޯޓުތަކުން މާލެއަށް އައިސް ފުރާ އުޅަނދުތައް އެ އުސޫލަން އަމަލުކުރަން އެދޭ ކަމަށެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެ އަތޮޅުތެރެއާއި މާލެއާ ދެމެދު ދުއްވާ ބައެއް މުދާ އުފުލާ ބޯޓް ތަކުގެ ފަޅުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އަތޮޅުތެރެއަށް ބަލިފެތުރުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފަ އެވެ.
ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް ސަރުކާރުން އަންނަނީ ފިޔަވަޅުތައް ހަރުދަނާ ކުރަމުންނެވެ. އެގޮތުން ހަލުވިކަމާއި އެކު ބަލި ފެތުރެމުން އަންނަ މާލެ ސަރަހައްދުން ޒަރޫރީ ބޭނުމެއް ނެތި ލަފާ ފުރުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭގެ މޮނިޓަރިންގައި ހަ ރަށެއް މި ވަގުތު އޮތް އިރު އުތުރުގެ ފަސް ރަށެއް ލޮކްޑައުން ކޮށްފައި ވެ އެވެ.