ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 240 މީހަކު އައިސޮލޭޝަން ފެސިލިޓީތަކަށް ނުގެންދެވި ގޭގައި އެބަ ތިބި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒުލާ ރަފީގު ވިދާޅުވީ އައިސޮލޭޝަން ފެސިލިޓީތަކަށް އެ މީހުން ނުގެންދެވިފައި ވަނީ ތަފާތު އެކި ސަބަބުތައް މެދުވެރިވެގެން ކަމަށެވެ. ނަމަވެސް އެ އެންމެން ވެސް ވަރަށް އަވަހަށް ފެސިލިޓީތަކަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ގޮތުން ކޮންމެ ދުވަހަކު ވެސް ފެސިލިޓީތަކަށް ނުގެންދެވި ތިބި މީހުންގެ ތެރެއިން ގެންދަން އިސްކަން ދޭން ޖެހޭ މީހުން އެ ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ނަޒުލާ ވިދާޅުވި އެވެ.
ކޮވިޑު އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މިހާތަނަށް ނުވަ ރިސޯޓެއްގައި ކަރަންޓީނު ފެސިލިޓީތައް ގާއިމުކޮށްފައިވެ އެވެ.
ކޮވިޑަށް ފަރުވާ ދޭން ހާއްސަކޮށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައި ވެސް 250 މީހުންގެ ޖާގަ އޮވެ އެވެ. އަދި މި ބަލީގައި ހާލު ބޮޑުވާ މީހުނަށް ފަރުވާ ދޭން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ވެސް 16 އެނދެއް ހަމަޖައްސާފައި ވެއެވެ.
ރާއްޖޭގައި މި ވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އަންނަނީ 2105 މީހުންނެވެ. އޭގެ ތެރެއިން 129 މީހުންނަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެނެވެ. މި ބަލީގައި ރާއްޖެއިން މިހާރު 19 މީހަކު ވަނީ މަރުވެފަ އެވެ.