އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްތައް ކުރިއަށްވުރެ ބޮޑަށް ފުޅާ ކުރެވި ވަސީލަތްތައް ގާއިމް ކުރެވެމުން ދާ ކަމަށާއި އަތޮޅު ހޮސްޕިޓަލްތަކުގައި ތަފާތު ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކޮށް ހިދުމަތްތައް ހޯދުމަށް މާލެއައުމަށް ރިފާރ ކުރެވޭ އަދަދު މަދުކުރެވިފައި ވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގަައި ބުނީ ދާއިރާގެ މަސައްކަތްތައް ރާވާ ހިންގުމުގައި މިހާރުވެސް ހަރަކާތްތެރިވަނީ އެ ދާއިރާގެ ތަމްރީނާއި ތަޖުރިބާ ލިބިފައި ތިބި މީހުން ކަމަށާއި ސިއްހީ ދާއިރާ ތަރައްގީ ކުރަމުން ގެންދަނީ އެ ދާއިރާގެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ކަމަށެވެ.
ހެލްތް މިނިސްޓްރީން ނެރުނު މި ބަޔާނަކީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ދަށަށް ދާކަމަށް ސިއްހީ ދާއިރާގެ ބޭފުޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ނެރެފައިވާ ބަޔާނެކެވެ.
އެގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީ ކުރަމުން އަންނަ ކަން ވަނީ އެ ބަޔާނުގައި ފާހަގަ ކޮށްފަ އެވެ. އަދި ލާމަރުކަޒި ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ދޭ ތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުންދާކަންވެސް މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އިޖުތިމާއީ ކޮމިޓީގައި ސިއްހީ ހިދުމަތާ ބެހޭ ގޮތުން ދާއިރާގެ ބޭފުޅުން ދެއްކެވި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެ މައުލޫމާތު މަޖިލީހަށް ދިނުމުގެ ކުރިން ހެލްތު މިނިސްޓްރީ އާ މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ކުރީގެ ސިއްހީ ހިދުމަތްތެރިންނާއި ބައެއް ޑޮކްޓަރުން އިތުރަށް ފާހަގަ ކުރެއްވީ ސިއްހީ ދާއިރާގެ ނިންމުންތަކަށް ފަންނީ މާހިރުންގެ ލަފަޔާ ނުހޯދާ ކަމަށާއި ދާއިރާ ހިންގުމަށް ޕޮލިސީތަކާއި ގައިޑްލައިންތަކެއް ހަދާފައި ހުއްޓަސް އެކަންކަމަށް އަމަލު ނުކުރާ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެމުން ހެލްތުގެ ބަޔާނުގައި ބުނީ މިނިސްޓްރީގެ އެގްޒެކެޓިވް ލެވަލް ގެ ބައްދަލު ވުންތައް ބާއްވަނި ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީ އަށް އައްޔަނުކޮށްފައިވާ ބޭފުޅުންނާއި ސިވިލްސާވިސް މުވައްޒަފުންނާ އެކު ކަމަށެވެ. އަދި ދާއިރާގެ ފަންނީ ނިންމުންތައް ނިންމަނީ އެކަމަށް އެކުލަވާލާފައިވާ ކޮމިޓީތަކާއި މައުލޫމާތުތަކަށް ބިނާކޮށް ކަމަށެވެ.