ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގެނައުމުގައި ތުހުމަތު ކުރެވޭ ކަންތައް ބަލައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަމަލުކުރި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އޭސީސީން ހެދި ދިރާސާ ރިޕޯޓާއި އެ ކޮމިޝަނުން މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކަށް ބަލާއިރު، ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮމިޝަނުން ބަލަންވާ މިންވަރަށް ނުބެލުން ނުވަތަ އެކަން އެ ކޮމިޝަނުން ބެލީ ތަފާތު ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެންވެ އެ ކޮމިޝަނުން ކުރިން ދެއްކި ވާހަކަތަކާއި ދިރާސާ ރިޕޯޓާ އެކު އެ މައްސަލަ އިތުރަށް ބެލުމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަށް ފޮނުއްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ގެނައުމުގައި މާލިއްޔަތު ގަވާއިދާ ހިލާފު ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލަ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ އާދިއްތަ ދުވަހު ނެރުއްވި އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އެކަމަކު އޭގެ ކުރިން އެކަމާ ބެހޭގޮތުން އޭސީސީން ހެދި ދިރާސާ ރިޕޯޓުގައި ވެންޓިލޭޓަރު ގެނައުމުގައި އެއްވެސް މައްސަލައެއް ހުރި ކަމަށް ފާހަގަ ކޮށްފައެއް ނުވެ އެވެ. އޮޑިޓް ރިޕޯޓަށް ފަހު އޭސީސީ އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން އިއްޔެ ބުނީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރިން ނެރުނީ ހުލާސާ ރިޕޯޓެއް ކަމަށާއި އެ މައްސަލަ އަދިވެސް އެ ކޮމިޝަނުން ދަނީ ބަލަމުން ކަމަށެވެ.
ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފެންމަތިވި ބޮޑެތި މައްސަލަތަކާ އެކު އެކަން ތަހުގީގު ކުރަން ފުލުހުންނާއި އޭސީސީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ އަންގަވައިފަ އެވެ. އެކަމާ ގުޅިގެން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަ އަށް މަސައްކަތުން އެކަހެރިވެ ވަޑައިގެންފައިވާއިރު ހެލްތް މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ އެ މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި ފައިނޭންޝަންލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިންނެވެ.