ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ މުޅި ރާއްޖެ އަށް އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހު ހަ ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
ހެލްތް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ސޮއިކުރައްވައިފަ ރޭ ނެރުއްވި ގަރާރުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފައި ވަނީ ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް ކަމަށާއި، އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާތީ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވޭނީ ސީދާ ހެލްތު މިނިސްޓަރަށް ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި އެހެންވެ ވަގުތީ ގޮތުން މަގާމުގެ ޒިންމާއާ ހަވާލުވެ ހުންނަވާ ބޭފުޅަކަށް މިކަން ކުރެއްވޭނެތޯ ބައެއް މީހުން ވަނީ ކުރިން ސުވާލު އުފައްދައިފަ އެވެ.
ނަމަވެސް މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގައި، ވަކި މަގާމެއްގައި ހުރި މީހަކަށް ވަކި ގާނޫނަކުން ބާރުތަކެއް ލިބިދޭކަމަށްވާ ނަމަ، އެހެންގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، އެ މަގާމު ވަގުތީގޮތުން ފުރާ މީހާއަށާއި އޭނާގެ ގާއިމު މަގާމުގެ ގޮތުގައި މަސައްކަތްކުރާ މީހާއަށް ވެސް އެ ބާރުތައް ލިބިގެންވާ ކަމަށް އޮވެ އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރެއްވީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަތް ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.