ހއ. އަތޮޅުގައި ހިންގަމުން އަންނަ ޖޭއޭ މަނަފަރު ރިސޯޓުގައި މަސައްކަތް ކުރާ 68 ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.
ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުން އެ ރިސޯޓުގައި މަސައްކަތް ކުރި މުވައްޒަފުން ބުނީ ރިސޯޓުން ވަނީ ދިވެހިންގެ އިތުރުން ބައެއް ބިދޭސީން ވެސް ވަޒީފާއިން ވަކިކޮށްފަ ކަމަށެވެ.
ބަދަލުގައި ވެރިންގެ ފަރާތުން ކޮންމެ މުވައްޒަފަކަށް 400 ޑޮލަރާއި ދެ މަހުގެ މުސާރައިގެ އިތުރުން ޗުއްޓީ ނުނަގާ ތިބި މުވައްޒަފުންނަށް ޗުއްޓީގެ ފައިސާ ދޭން އެދިފައިވާކަމަށް މުވައްޒަފުން ބުނެފައި ވެއެވެ.
ހއ. އަތޮޅުގެ ދިއްދު އާއި އިހަވަންދު އާއި ހޯރަފުށީގެ ގިނަ ބަޔަކު އެ ރިސޯޓުގައި ވަޒީފާ އަދާކުރާއިރު ވަކި ކުރި ގިނަ މުވައްޒަފުން ނިސްބަތް ވަނީ ހޯރަފުއްޓަށެވެ.
ހޯރަފުށީގެ ގިނަ އަދަދެއްގެ މުވައްޒަފުން އެއްފަހަރާ ވަކިކުރުމުގެ ސަބަބުން އެ ރަށުގެ ގިނަ އާއިލާތަކަކަށް ވަނީ އަސަރުކޮށްފަ އެވެ. އެހެންކަމުން އެކަން ހައްލު ކުރުމަށް މިވަގުތު އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްއާ ވަޒީފާއިން ވަކިކުރި މީހުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
މަނަފަރު ރިސޯޓުން މުވައްޒަފުންނަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކި ކުރަން ނިންމާފައިވަނީ ކޮވިޑް-19އާ ގުޅިގެން އާމްދަނީ އަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެންކަމަށެވެ.
ޖޭއޭ މަނަފަރު ރިސޯޓަކީ ދުބާއީގެ ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސް އިން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓެކެވެ.