ރާއްޖެއިން ރުބެއްލާ ނައްތައިލުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ތައުރީފުކޮށް ސެޓްފިކެޓެއް މިއަދު ދީފި އެވެ.
ރާއްޖޭން ހިމަބިއްސާ ރުބެއްލާ ނައްތާލާފައިވަނީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން މި ބަލި ނައްތައިލަން ކަނޑައެޅި މުއްތަދުގެ ތިން އަހަރު ކުރިންނެވެ.
އެގޮތުން 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ވަނީ 2017 ވަނަ އަހަރު ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ދީފައެވެ.
ރާއްޖެއިން ރުބެއްލާ ނައްތައިލެވިފައިވާކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް ވެރިފިކޭޝަން ކޮމިޓީން ނިންމީ މިދިޔަމަހު އެވެ. އެ ބަލި ނައްތައިލެވިފައިވާކަން އޭރު އިއުލާންކޮށް، ރާއްޖޭގެ ކާމިޔާބީ ފާހަގަކޮށް މިއަދު ދިން ލިއުމުގައި ބުނީ އެ ކާމިޔާބީ ހާސިލުކުރެވުނީ ސަރުކާރުގެ ވަރުގަދަ ލީޑަޝިޕާއި މަސައްކަތުން ކަމަށެވެ.
WHO recongises Maldives for eliminating endemic rubella virus infection during the 73rd Regional Committee.
— Health Protection Agency (@HPA_MV) September 10, 2020
Maldives is one of the first countries in the region to achieve measles and rubella elimination 3 years ahead of the regional target. pic.twitter.com/zPCVq1dUiG
އަދި އެއީ ރާއްޖޭން ޑަބްލިއުއެޗްއޯ އާއި އެ ޖަމާއަތުގެ ބައިވެރިންނާ އެކު ދެމެހެއްޓެނިވި ގޮތެއްގައި ބޭއްވި އެއްބާރުލުމާއި ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތާ އެކު ހާސިލުވި ކާމިޔާބީއެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ރުބެއްލާއަކީ ވައިގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި ޖެހޭ މީހުންގެ 50 ޕަސެންޓު މީހުންނަށް، އެ ބަލި ޖެހިފައިވާ ކަން ވެސް ގިނަ ފަހަރު ނޭނގެ އެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބިހި ނަގައި ރަތްވާނެ އެވެ. ނަމަވެސް އެ އަލާމާތްތައް އާންމުކޮށް ފެންނާނީ، މި ބައްޔަށް ހުށަހެޅޭތާ ދެ ހަފުތާ ފަހުންނެވެ.
ރާއްޖެ އިން ރުބެއްލާ ނައްތައިލަން ކުރި މަސައްކަތްތަކުގެ ތެރޭގައި އެ ބަލިން ދިފާއުވާން ދޭ ވެކްސިން 2007 ވަނަ އަހަރުން ފެށިގެން ވަރަށް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ރާއްޖޭން ބަލި ނައްތާލެވުނީ ގިނަ ގޮންޖެހުންތަކަކާއި އެކުގައި ވެސް އެ ބަލީގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއެކު ލެބޯޓްރީ ޓެސްޓްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިޔަ ސަވައިލެންސް މަސައްކަތުން ކަމަށްވެސް ޑަބްލިއުއެޗުއޯއިން ބުނެފައި ވެއެވެ.