9 އަހަރަށް ފަހު ކުޅުދުއްފުށީ ކައުންސިލްގެ އެކައުންޓްތައް ރިކޮންސައިލްކޮށް ނިންމާލައިފި އެވެ. އެކައުންޓްތައް ރިކޮންސައިލްކޮށް މަހަކު އެއްފަހަރު މިނިސްޓްރީއޮފް ފިނޭންސްއަށް ފޮނުވަން ގަވައިދުތަކުގައި ލާޒިމްކޮށްފައިވެ އެވެ. ކޮންމެ މަހެއްގެވެސް ހަރަދާއި އާމްދާނިގެ ރިޕޯޓްތައް ގަވައިދުން ތައްޔާރުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މައްޗަށްވެސް ލާޒިމް ކަމެކެވެ.
މާލިއްޔަތު ގަވައިދުގައި މަދުވެގެން މަހަކު އެއްފަހަރު ސަރުކާރު އިދާރާތަކުގެ އެކައުންޓްތައް ރިކޮންސައިލްކޮށް ރިޕޯޓް ތައްޔާރުކުރަން ލާޒިމްކޮށްފައި ވީނަމަވެސް އެކަން އެގޮތަށް ކުޅުދުއްފުށީ ކައުންސިލުން ކުރަމުން ގޮސްފައިއެއް ނުވެ އެވެ. އެގޮތުން އެ ކައުންސިލުން އެކައުންޓްތައް ރިކޮންސައިލްނުކޮށް ހުންނަތާ 9 އަހަރަށްފަހު، މިދިޔަ ޖޫންމަހު ފާއިތުވެ ދިޔަ 9 އަހަރު ނުކޮށް ހުރި މަސައްކަތްތައް ނިންމައި ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ، އެކައުންޓްތައް ރިކޮންސައިލްނުކޮށް ހުންނަތާ 9 އަހަރަށްފަހު ރިކޮންސައިލްކޮށް މިދިޔަ ޖޫންމަހު ނިންމާލާފައިވާ ކަމަށެވެ. 9 އަހަރު ނުކޮށް ހުރި އެ ހުރިހާ މަސައްކަތްތައްކޮށްފައިވަނީ ފައިސާ ބެހޭ ކަންތައްތައް ހަރުދަނާކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ފައިސާއާއި ބެހޭ ސެކްޝަންގެ މުވައްޒަފުން ކައުންސިލާއި އަލަށް ގުޅުނު ޑިރެކްޓަރު އަދި އެހެނިހެން އިދާރާތަކުގެ ލަފައާއި އިރުޝާދުގެ މަތިން ކަމަށް ލަތީފް ވިދާޅުވި އެވެ.
"ނުވަ އަހަރު ނުކޮށް ހުރި އެ ހުރިހާ މަސައްކަތްތައް މިކުރީ. އެ ހުރިހާ އަހަރެއްގެ ރިޕޯޓްތަކުގައި ސޮއިކުރަން މިޖެހުނީ އަޅަގަނޑަށް." ލަތީފް ވިދާޅުވި އެވެ.
އެ މަސައްކަތްތަކުގައި މުވައްޒަފުން ވަރަށް ބުރަކޮށް އުޅުނުކަން ލަތީފް ވަނީ ފާހަގަކުރައްވާފަ އެވެ.
ކައުންސިލްގެ ފައިސާއާ ބެހޭ ކަންތައްތައް އެންމެ ރަނގަޅަށް ބަލަހައްޓަމުން ނުދާކަން މީގެ ކުރީގައި ކައުންސިލްގެ ރައީސްކަން ކުރެއްވި ބޭފުޅުންނާއި މެމްބަރުންވެސް ދިޔައީ ފާހަގަ ކުރައްވަމުންނެވެ. އެކަމަކު އެކަންތައްތައް ރަނގަޅުކޮށް ހަރުދަނާ ކުރުމަށް އޭރު މާބޮޑު މަސައްކަތެއް ނުކުރެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ފައިސާއާއި ބެހޭ ސެކްޝަންގައި އޭރުވެސް އަދި އެކައުންޓްތައް ރިކޮންސައިލްކުރުމުގެ މަސައްކަތް ފަށާ ނިމުނު އިރުވެސް ތިބީ އެއްމުވައްޒަފުންތަކެއް ކަމެވެ.
ކައުންސިލްގެ އިދާރީ ހިންގުމާއި ފައިސާއާ ބެހޭ ކަންތައްތައް ހަރުދަނާކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ 2019 ވަނަ އަހަރުގެ ފަހުކޮޅު އެކައުންސިލާ އާ ޑިރެކްޓަރަކު ހަވާލުވި ފަހުންނެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން އޮޑިޓް ރިޕޯޓް އަދި އެހެނިހެން ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަންތައް ރަނގަޅުކުރުމަށް ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށް ލަތީފް ފާހަގަ ކުރެއްވިއެވެ. ފައިސާއާއި ގުޅޭ ކަންތައް ނޫންވެސް އިދާރީ ހިންގުމާއި އަދި އެހެނިހެން ހިދުމަތްތަކާއި ގުޅޭ އެހެނިހެން ޔުނިޓްތަކުގެ ގިނަ ކަންތައްތަކެއްވެސް ރަނގަޅު ކުރަންޖެހޭ ކަމާއި އެމަސައްކަތްތައް ކުރވެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.
ލަތީފް ވިދާޅުވީ، ފިނޭންސްގެ ކަންކަން ހަރުދަނާކުރުމަށް ވަރަށް ގިނަ މަސައްކަތެއްކުރަމުންދާ ކަމަށެވެ. އެގޮތުން މަހުން މަހަށް ނިންމަން ޖެހޭ ރިޕޯޓްތަކާއި އެހެނިހެން ލިޔެކިޔުންތައް ކުރި އާއި ހިލާފަށް މިހާރު މަހުން މަހަށް ނިންމަމުންދާ ކަމަށެވެ. އަދި އެ ކައުންސިލްގެ ފައިސާއާ ބެހޭ ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަން 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުންވެސް ހާމަވެފައިވާއިރު އެކަންކަން ރަނގަޅުކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ކައުންސިލުން ފަށާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ފައިސާއާއި ބެހޭ ސެކްޝަން އަދި މުޅި ކައުންސިލް އިދާރާގައިވެސް މުވައްޒަފުން މަދުކަމާއި ވަކިން ހާއްސަކޮށް ފަންނީ މުވައްޒަފުން މަދުކަން ފާހަގަ ކުރެވެ އެވެ. މިގޮތުން ކުޅުދުއްފުށި ކަައުންސިލްއަކީ ހިދުމަތް ފޯރކޮށްދެންޖެހޭ އާބާދީއާއި އަޅާބަލާއިރު ނިސްބަތުން އެންމެ މުވައްޒަފުން މަދު ކައުންސިލެވެ.
މިދިޔަ ދައުރުތަކުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ބަލާލާއިރު ފުރަތަމަ ކައުންސިލްގެ ރައީސްކަން ކުރެއްވީ އާދަމް ވަހީދެވެ. އެއަށްފަހު މިހާރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރުކަން ކުރައްވައި ޖަމްޝީދު މުހައްމަދެވެ. އިބުރާހިމް ރަމީޒު އަދި އަލީ ހަސަންވެސް ފުރަތަމަ ދައުރުގައި ރައީސްކަން ކުރެއްވި އެވެ.
ދެވަނަ ދައުރުގައި ރައީސްކަން ކުރެއްވީ ޕަބުލިކް ވާރކްސް ހިންގުމާ މިހާރު ހަވާލުވެހުންނެވި އަލީ މުހައްމަދެވެ. މިހާރު ކައުންސިލްގެ ރައީސްކަން ކުރައްވަނީ އަބުދުލް ލަތީފް ހަސަން އެވެ. އަދި 2019 ވަނަ އަހަރުގެ ނޮވެމްބަރމަހާއި ހަމައަށް ކައުންސިލްގެ ޒިންމާދާރު މަގާމު އަދާކުރެއްވީ އެސިސްޓެންޑް ޑިރެކްޓަރު އިސްމާއިލް އިބުރާހިމެވެ. އެ މުއްދަތުގައި ފައިސާއާ ބެހޭ ޔުނިޓާ ހަވާލުވެހުންނެވީ މުހައްމަދު ގާސިމެވެ.