twitterviber whatsapp telegramfacebookyoutube instagram
26th September 2026

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 32 އަށް

ޚަދީޖާ އާދަމް
Sep 13, 2020

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން ދުވަސްވީ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނި ގޮތުގައި ރޭ ފަތިހު 3:55 ގައި މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި ފަރުވާދެމުން ދިޔަ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ ކޮވިޑް-19ގައި ރާއްޖެއިން މަރުވި 32 ވަނަ މީހާ އެވެ. މިދިޔަ ޖުލައި މަހުން ފެށިގެން ކޮވިޑް ޖެހިގެން އައިސީޔޫގައި 66 މީހަކަށް ފަރުވާދިން އިރު، ނުވަ މީހަކު ވަނީ ވަރަށް ބޮޑަށް ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލައިފަ އެވެ.

އޭގެ ތެރެއިން ހަތަރު މީހަކު މަރުވި އިރު، ދެ މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ތިން މީހަކަށް އަދިވެސް އަންނަނީ، ފަރުވާދެމުންނެވެ.

ކޮވިޑް ޖެހިފައިވާ 1،966 މީހަކު މިހާރުވެސް ރާއްޖޭގައި ތިބި އިރު، އޭގެ ތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293