twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގުޅީފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ހެދުމަށް އާންމުންގެ ހިޔާލު ހޯދަނީ

ނަބީލާ އިސްމާޢީލް
Sep 21, 2020
2

ގުޅީފަޅުގައި ބައިނަލްއަގުވާމީ ބަނދަރެއް ހެދުމާއި ގުޅޭގޮތުން އާންމުގެ ހިޔާލު ހޯދުމަށް ސާވޭއެއް ފަށައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ސާވޭއަކީ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށާއި މުޖުތަމައުއަށް އަސަރު ފޯރާނޭ މިންވަރު ބެލުމުގެ ގޮތުން، ލޭންޑް އެންޑް މެރިން އެންވަޔަރަމަންޓަލް ރިސޯސް ގްރޫޕް (ލަ މެއަރ) އިން ތައްޔާރުކުރާ ރިޕޯޓުގެ ބައެއް ކަމަށެވެ.

އެ ސާވޭ އަކީ މާލޭގެ ޕޯޓްތަކުގައި ދެވޭ ހިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު ރާވާލެވިފައިވާ ގޮތާއި މެދު ހިޔާލު ހޯދުމުގެ ގޮތުން ކުރެވޭ ސާވޭއެކެވެ.

މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގައި މިހާރު ހުރި ހުރިހާ ވިޔަފާރި ބަނދަރުތަކުގެ މަސައްކަތްތައް ގުޅީފަޅަށް ބަދަލު ކުރުމެވެ. މާލޭގެ ބަނދަރުތަކުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ބަނދަރުތަކުގެ ހިދުމަތް ހޯދާފަރާތްތަކަށް ގިނަގުނަ ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށާއި އަދި ބަނދަރުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށްވެސް މި ސަބަބުތަކާއި ހުރެ ހުރަސް އެޅޭކަމަށެވެ.

އެހެން ކަމުން މިމަޝްރޫއުގެ މައިގަނޑު މަގުސަދަކީ މިކަންކަމަށް ހައްލު ހޯދުން ކަމަށާއި އެގޮތުން މި ފިޔަވަހީގައި މާލޭ ކޮމާރޝަލް ހާރބަރ، ނޯތް ހާރބަރ އަދި ޓީ ޖެޓީ ސަރަހައްދުގެ ބައެއް ހިދުމަތްތަކާއި މަސައްކަތްތައް ގުޅީފަޅު ޕޯރޓް ހުޅުވުމުން އެ ސަރަހައްދަށް ބަދަލު ކުރެވޭނެ ކަމަށެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ޕްލޭން ކުރިއަށް ގެންދިޔުމަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑަށެވެ. ޕްރޮޖެކްޓުގެ އަގަކީ 53 މިލިއަން ޑޮލަރު (817.26 މިލިއަން ރުފިޔާ) އެވެ.

ގުޅީފަޅު ހިއްކަން ފަށާފައި ވަނީ މެއި މަހުގެ ތެރޭގަ އެވެ. މި ޕްރޮޖެކްޓު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ނުވަ މަހާއި 14 މަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355