ކުޅުދުއްފުށީ، ކުއަންޓަމް ހޯލް ސޭލްއާއި ރެޑްވޭވް ގުޅިގެން ކުޅުދުއްފުށީގައި ނެޓްބޯޅަ މުބާރާތެއް ފަށައިފި އެވެ. މި މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވާދަކުރެ އެވެ.
ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ރަށުން ބޭރުން 3 ކުޅުންތެރިން ގެނައުމުގެ ފުރުސަތު ހުޅުވާލި އެވެ. އަދި ގްރޭޑް 8 ފެށިގެން މަތީގެ ގްރޭޑް ތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތް އޮތީ ހަމަޖެހިފަ އެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ނިއުބީސް، ރަމްބަލްސް، ކޭވައިއާރުސީ، ޓީމް ޔުނިކް ފުރެންޑްސް، ޓީމް ނިކި، ކޮންޓެކްޓް، އަފީފުއްދީން އެސްއާރުސީގެ އިތުރުން ކޭވައިއާރުސީ ޖޫނިއާރސް އާއި ރިބެލްސް އެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތް ފަށާފައިވަނީ އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓް ކޯޓްގަ އެވެ. އިއްޔެ ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޓީމް ރަމްބަލްސް އާއި ނިއުބީސް އެވެ. މި މެޗް 27 ޕޮޓް 5 ޕޮޓުން ކާމިޔާބު ކުރީ ރަމްބަލްސް އެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ރަމްބަލްސްގެ ގޯލް އެޓޭކަރ މިޒްދާ ހަސަނެވެ.
މުބާރާތުގެ 2 ވަނަ އަދި 3 ވަނަ މެޗް ކުޅެފައިވަނީ ރޭގަ އެވެ. 2 ވަނަ މެޗުގައި ޔުނީކް ފުރެންޑްސް އާއި ކޭވައިއާރުސީ ބައްދަލު ކުރި މެޗު ކޭވައިއާރުސީ ކާމިޔާބު ކުރީ 26 ޕޮޓް 5 ޕޮޓުންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ކޭވައިއާރުސީގެ ގޯލް ޑިޕެންސް ފާތިމަތު އާދަމެވެ.
ރޭގަ ކުޅެވުނު މުބާރާތުގެ 3 ވަނަ މެޗުގައި ކޮންޓެކްޓްސް އާއި އަފީފުއްދީން އެސްއާރުސީ ބައްދަލުކުރި މެޗު 24 ޕޮޓް 12 ޕޮޓުން އަފީފުއްދީން އެސްއާރުސީ ކާމިޔާބު ކުރިއިރު މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ އަފީފުއްދީން އެސްއާރުސީގެ ނަރީމާ އަބްދު ރަހުމާނެވެ.
މިމުބާރާތުގެ މެޗްތައް މިއަދު ހަވީރު އާއި މިރޭ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ކޭވައިއާރުސީ ޖޫނިއާރސް އާއި ރެބެލްސް އެވެ.
ކޮންމެ މެޗެއް ނިމުމުން މެޗުގެ ކުއިން އޮފް ދަ މެޗް ހޮވާއިރު އިނާމެއްގެ ގޮތުގައި ދެނީ ރެޑްވޭވްގެ ޕްރޮޑެކްސް އެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑެލް އާއި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައި އެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.
މި މުބާރާތަކީ ކުއަންޓަމް ހޯލްސޭލުން ރެޑްވޭވް ޕްރޮޑެކްސްތައް ވިއްކަން ފެށުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ކުޅުދުއްފުށީ ކުއަންޓަމް ހޯލްސޭލުން މިހާރު ރެޑްވޭވްގެ ޕްރޮޑަކްސްތައް ލިބެން ހުންނާނެ އެވެ.
ލިބެން ހުރި ބައެއް ބާވަތްތަކުގެ ތެރޭގައި ސިއޯ ބްރޭޑްގެ އޯމޯ އަދި އަތްދޮންނަ ފުޅި، ބަޔޯޓޯލް އޯމޯ، އަތްދޮންނަ ފުޅި ސޮފްނާ، މޮޕްލާ ފުޅި އާއި އެންމެ ގިނަ މީހުންގެ އިތުބާރު ލިބިފައިވާ މޮލްފިޓް ނެޕީ ހިމެނެ އެވެ. އަދި މީގެ އިތުރުން ޒޮޓިސް ޔޯގަޓް، ބިންގޯ ދޮންނަ ކުނޑި، އެފްއެންއެންޑް ގެރިކިރު، ސަފިއްޔާ ބްރޭޑް ސަންފުލާވަރ އޮއިލްގެ އިތުރުން ކުޅިވަރުތަކުގައި މިހާރު އެންމެ ބޭނުންކުރާ 100 ޕުލަސް ޑްރިންސް، އެލާޓޭ ބާސްމަތީ ރައިސް ޖުހޭނާ އަދި ޕްފެން ބްރޭޑްގެ ޖޫސް ހިމެނެ އެވެ.