twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުމުންދޫ ނޭޗާރ ޕާރކް ބަލާލަންދާން ލޯންޗް ފެރީއެއް

ނަބީލާ އިސްމާޢީލް
Sep 24, 2020
1

ކުޅުދުއްފުށީ މަރިޔާޒް ލޯޗުން ހދ ކުމުންދޫ ނޭޗާރ ޕާރކް ބަލާލަންދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ލޯންޗް ފެރީއެއް ބާއްވަން ނިންމައިފި އެވެ.

މަރިޔާޒު ލޯންޗްގެ އޯނަރު މުހައްމަދު އިބްރާހިމް ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 20 މީހުންގެ ޖާގައިގެ އެ ލޯންޗު ފެރީ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޮނިހިރު ދުވަހެއްގަ ކަމަށެވެ.

އޭނާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް ކުމުންދޫއަށް ދާން ބޭނުންވެގެން ވަރަށް ގިނަ މީހުން އެދުނު ކަމަށާއި އެހެންވެ އެރަށަށް ދެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސީ ކަމަށެވެ.

ފުރަތަމަ އެއްމަހަށް ޝެޑިއުލްކޮށްފައިވީނަމަވެސް ޑިމާންޑްއަށް ބަލައި ކުރިއަށް އޮތްތަނުގައި ދަތުރުތައް ބާއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

10 ވަރަކަށް މިނެޓްގެ މިދަތުރުގައި ކުޅުދުއްފުށިން ފުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 7:00 ގަ އެވެ. އަދި ކުމުންދޫން ފުރުމަށް ހަމަޖެހިފައިވަނީ 15:15 ގަ އެވެ.

ލޯންޗަށް ގުޅާލައިގެން ނަންނޯޓް ކޮށްލުމުން ބުކިން ހައްދާލެވުމުގެ ކަންތައް ހަމަޖެހިފައިވާއިރު ދަތުރުގެ އަގަކީ ކޮޅަކަށް 50 ރުފިޔާ އެވެ. އަދި ބުކިންގ ހެއްދުމަށާއި އިތުރު މައުލޫމާތު ހޯދުމަށް 7659977 ނުވަތަ 7697379 އަށް ގުޅުމަށް އެ ފަރާތުން އެދެ އެވެ.

ކުމުންދޫގެ އަމިއްލަ ޖަމިއްޔާއަކުން އެރަށުގައި ތަރައްގީކުރި ނޭޗަރ ޕާރކާއެކު އެރަށަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ، ނޭޗަރ ޕާރކްގެ އިތުރުން ޒުވާނުން އިސްނަގައިގެން ރަށުގެ އެކި ސަރަހައްދުތަކުގައި ހިތްގައިމު މައިޒާންތައް ހެދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355