twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެންޓިބޮޑީ ސްޓަޑީއަށް އެއްބާރުލުން ބޭނުންވޭ، ޕޮޒިޓިވްވިއަސް އިތުރުކަމެއް ކުރާކަށް ނުޖެހޭ: ޑރ. ނަޒްލާ

ނަބީލާ އިސްމާޢީލް
Oct 25, 2020
1

މާލެ ސަރަހައްދުގައި ކޮވިޑް-19 ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި މިހާރު ކުރިޔަށްގެންދާ ޕްރިވިލެންސް ސާވޭއަށް އެއްބާރުލުން ބޭނުންވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓި ބޮޑީ ދިރާސާގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ މި ސަރވޭގައި އެންމެ ފުރަތަމަ ސާމްޕަލް ނަގާފައި ވަނީ ސްކޫލް ކުދިން ނުވަތަ އުމުރުން 18 އަހަރުން ދަށުގެ ކުދިން ކަމަށެވެ. ނަމަވެސް މިހާރު އުމުރުން 18 އަހަރުން މަތީގެ މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަތަރު އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭގައި 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކުގެ މީހުން ހިމެނޭ ކަމުގައި ޑރ. ނަޒުލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ މިހާރުވެސް ކޮންމެސްވަރަކަށް ތަރުހީބު ލިބެމުންދާ ކަމަށާއި ނަމަވެސް އަވަހަށް މި ސާވޭ ނިންމާލުމަށް ފުރިހަމަ ކުރަންބޭނުންވާ މިންވަރަށް އަދި ސާމްޕަލް ނުލިބޭކަމަށެވެ. އެހެންކަމުން ވަރަށް ބޮޑަށް އެއްބާރުލުން ބޭނުންވާ ކަމަށެވެ.

މި ސަރވޭގައި ޖުމްލަ 4098 މީހެއްގެ ސާމްޕަލް ޓެސްޓު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި ސްޓަޑީގައި ސާމްޕަލް ނެގުމަށް މީހުން ހޮވަނީ ރޭންޑަމްކޮށެވެ. އަދި މިހެން ހޮވޭ މީހުންނަށް ސާމްޕަލް ނަގަން ދާންވީ ތަނާއި ވަގުތު އަންގައިދިނުމުގެ އެޗްޕީއޭއިން އެސްއެމްއެސް އެއް ފޮނުވާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓް ހެދުމަށް ޕީސީއާރު ޓެސްޓެއް ނޫން ކަމަށާއި މި ޓެސްޓް ހެދުމަށް ނަގާނީ އާންމުކޮށް ލެބޯޓަރީ ޓެސްޓް ހެދުމަށް ނަގާ ގޮތަށް ލޭ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ކޮންމެ މީހަކަށް ވެސް އެސްއެމްއެސްއަކުން ލިބޭނެކަމަށް ކަމަށެވެ. ނަމަވެސް ނަތީޖާ ޕޮޒިޓިވްވެގެން ކަރަންޓީނު ވުން ފަދަ ކަމެއް ކުރަން ނުޖެހޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިޔަށް ގެންދާ މި ސާވޭ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުމެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެއެވެ. މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355