ދ. ކަނޑިންމަ ރިސޯޓުގެ ހިންގުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީއިން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.
އެ ރިސޯޓި ހިންގުމުގެ ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓީ ކޮވިޑްގެ ހާލަތުގައި ރިސޯޓްތައް ހިންގުމަށް ހަދާފައިވާ އެސްއޯޕީތަކާ އެ ރިސޯޓން ހިލާފުވެފައިވާ ކަމަށް ތުހުމަތުވާ މައްސަލައިގަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއިން އޮޕަރޭޓް ކުރުމުގެ ހުއްދަ ދީފައިވާ ރިސޯޓުތަކުގެ ލިސްޓުން އިއްޔެގެ ވަގުތެއްގައި އެ ރިސޯޓުގެ ނަން ވަނީ އުނިކޮށްފަ އެވެ.
ކޮވިޑަށް ޕޮޒިޓިވްވެފައިވާ އެ ރިސޯޓު މީހުންގެ އަދަދު 60 އަށް އަރާފައިވާއިރު އެ ރިސޯޓު މުވައްޒަފަކު ވަނީ ކޮވިޑް ޖެހިގެން ފަރުވާދެމުން ދަނިކޮށް ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ވަނީ މަރުވެފަ އެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި އެ އިދާރާއިން ހޯދި ހޯދުންތަކުން ރިސޯޓުން ބައެއް މައުލޫމާތުތައް ފޮރުވައި އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުވެ އެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މި މައްސަލަ ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކަނޑިންމައިން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައި ރިސްކު މީހުން ވަނީ ކޮވިޑް ފެސިލިޓީތަކަށް ބަދަލުކޮށްފަ އެވެ. ގިނަ މުވައްޒަފުން ކަރަންޓީންކޮށްފައި ވަނީ ރިސޯޓުގަ އެވެ.