ހއ. އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން އުތީމް ކައުންސިލްގެ ރައީސް ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެޑުކޮށްފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.
އެ އޮތޯރިޓީން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް ފޮނުވި ސިޓީގައި ބުނީ އެ އޮތޯރިޓީ އަށް ހުށަހަޅާފައިވާ މައްސަލަތަކަކަަކާ ގުޅިގެން މި މަހު 8 ގައި ބޭއްވި ބައްދަލުވުމެއްގައި އެ މައްސަލަތައް ބަަލަން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލައި ނިމެންދެން އޭނާ ސަސްޕެންޑުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އަބްދުﷲ ރަޝީދާ ގުޅޭ 11 މައްސަލައެއް އެ އޮތޯރިޓީއަށް އަށް ހުށަހަޅާފައިވާކަމަށް އެލްޖީއޭއިން ބުންޏެވެ.
އެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ
- ކޭބަލް ޓީވީ ހިދުމަތްދިނުމާ ގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ އިރު 10 އަހަރަށް އެގްރިމަންޓު ކުރުން
- ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020 ގެ ނިޔަލަށް ކޭބަލް ޓީވީ އޮޕަރޭޓާ ކުރާ ފަރާތުން ކުލި ދައްކާފައި ނުވާއިރު އެކަމާ ގުޅިގެން ރަސްމީކޮށް އެއްވެސް އެންގުމެއް އަންގާފައި ނުވުން
- ކޭބަލްޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައި ވުން
- ރަށް ކުނި ކަހާ ސާފުކުރުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގި އިރު އެކަމަށް އެދި ހުށަހެޅި މީހުންނާ އިންޓަވިއުކޮށްފައި ނުވުން
- މަސައްކަތު މީހެއް މަގާމުން ވަކިވުމުން އެ މަގާމަށް އިއުލާންކުރުމަށް ފަހު ކައުންސިލަރު ބޭނުން މީހަކު މަގާމަށް ނެގުން
- ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކުން އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން
- ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ މީހަކު އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން
- ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގަ މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވުން
- ކައުންސިލަށް ލިބޭ ފައިސާގެ އެހީތަކުގެ ރިކޯޑެއް ބަލަހައްޓާފައި ނެތުން
- ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ނުކޮށް ހުރުން
މި މައްސަލަތަކާ ގުޅިގެން ޖަވާބުދާރީވާން އަބްދުﷲ ރަޝީދަށް މި މަހު 24 ވަނަ ދުވަހުގެ މެންދުރު 2:00ގެ ނިޔަލަށް އެލްޖީއޭއިން ވަނީ ވަގުތު ދީފަ އެވެ.
އުތީމް ކައުސިލްގެ ރައީސް އަބްދުﷲ ރަޝީދަކީ ޕީޕީއެމަށް ނިސްބަތްވާ ފަރާތެކެވެ. މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑު ކުރިއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް އުތީމު ކައުންސިލްގެ ރައީސްކަމަށް އޭނާ ވަނީ ކުރިމަތިލާފަ އެވެ.