ހއ ކެލާގެ ގެސްޓްހައުސްތައް ހުޅުވަން ކައުންސިލުން ހުއްދަނުދޭތީ ގެސްޓްހައުސްތަކުގެ ވެރިން ކަންބޮޑުވުންފާޅުކޮށްފި އެވެ. 30 މިލިއަނަށްވުރެ ބޮޑު އިންވެސްޓްމެންޓްކޮށް އެރަށުގައި ހަތަރު ގެސްޓްހައުސް ހިންގަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް އަލުން ހުޅުވާލަން ސަރުކާރުން ހުއްދަދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރުމަހު 15 ވަނަ ދުވަހު އެވެ.
ގެސްޓްހައުސްތައް އަލުން ހުޅުވާލާއިރު ޓޫރިޒަމް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ ގޮތުން ރަށެއްގައި ގެސްޓްހައުސް ވިޔަފާރިއަށް ހުޅުވާލެވޭނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކައުންސިލުން އެކަމަށް މިނިސްޓްރީގައި އެދުމުންނެވެ.
އެގޮތުގެ މަތިން އެރަށު ކައުންސިލުން ވަނީ ގެސްޓް ހައުސް ހުޅުވާލުމާމެދު ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ނަގާފަ އެވެ. 80 މީހުން ބައިވެރިވި އެ ވޯޓްގައި ނުފެންނަކަމަށް 50 މީހުން ވޯޓުލި އެވެ.
ކެލާގައި ގެސްޓް ހައުސް ވިޔަފާރިކުރާ "އަތިރީ އިން ކެލާގެ" އޯނަރު ޝަފީގް، ކޭއޯއަށް ވިދާޅުވީ، ކައުންސިލުން ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ ވަކި ބަޔަކު ގެންގޮސްގެން އެ މީހުންގެ މެދުގައި ކަމަށެވެ. އޭނާ ވިދާޅުވީ، ކައުންސިލަރުން ގޭގެއަށްގޮސް ދުވަސްވީ މީހުންގެ މެދުގައި ނުބައި ތަސަވަރެއް ވިސްނައިދީ، ވަކިކޮޅަށް ވޯޓް ދިނުމަށް ބާރުއެޅި ކަމަށެވެ.
"ކައުންސިލް މެމްބަރުން ގޭގައި ފޮނުވައިގެން ކެމްޕެއިންކޮށް. މިކަމުގެ ނުބައި ތަސަވުރެއް ދުވަސްވީ މީހުންނަށް ވިސްނަދީގެން. ގެސްޓް އައިސްފިއްޔާ ޖެހިގެން ހުރި ރަށަށްވެސް ނުދެވޭނެކަމާއި އައިސްފިއްޔާ ކަރަންޓީނު ވާން ޖެހޭނެ ވާހަކަ ކިޔައިގެން. އެމީހުންނަށް ވޯޓްގައި ބައިވެރިވުމަށް ބޮޑަށް ބާރުއަޅައިގެން ރޭގަނޑު ކައުންސިލްގައި ނެގީ ސިއްރު ވޯޓެއް." ޝަފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޭނާއަކީ އެރަށުގައި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކުން ތެރެއިން އެންމެ ކުޑަ އިންވެސްޓްމެންޓެއް ކޮށްގެން އެ ވިޔަފާރިކުރާ ފަރާތްކަމަށާއި އެ ވިޔަފާރިއަށްވެސް މަހަކު 36000 ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ލިބެމުންދާ ކަމަށެވެ. ދެން ހުރި ވިޔަފާރިތަކަކީ 8 މިލިއަން އާއި 15 ނުވަތަ 16 މިލިއަން ހަރަދުކޮށްފައި ހުރި ވިޔަފާރިތަކެވެ. އެ ވިޔަފާރިތަކަށް އެއަށްވުރެ ބޮޑު ގެއްލުމަކާ ކުރިމަތިވާނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް އަގުނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުން މިދަނީ. ބުކިންތައްވެސް ހެސްކިޔާފަ އޮތްވާ، މިފުރުސަތު ނުލިބިދިޔާމަ އަޅުގަނޑުމެން ގެސްޓްހައުސްގެ އޯނަރު މިތިބީ ވަރަށް ބޮޑަށް ބިޔަވެފަ، ހާސްވެ ގޮތް ހުސްވެފަ." ޝަފީގް ވިދާޅުވި އެވެ.
ޝަފީގް ވިދާޅުވީ، ސިއްރު ވޯޓް ހުށަހެޅީ ސީދާ ކައުންސިލުން ކަމަށާއި މިއީ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ރަށުގައި ތިބި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ގުޅި ލާމެހިގެން އެޅި ބޮޑު ހުރަހެއްކަމަށެވެ.
ކެލާގައި ގެސްޓް ހައުސް ވިޔަފާރިކުރާ އެހެން ފަރާތެއްކަމަށްވާ "ސަމާ ހޯމް ކެލާ" ގެ އޯނަރު ހުސެއިން ފާރޫގް ވިދާޅުވީ، ގެސްޓްހައުސްތައް ހުޅުވާލާނެކަން ސަރުކާރުން އިއުލާނުކުރި ހިސާބުން ގެސްޓްހައުސްގެ ވެރިން، ކައުންސިލާއި ކަމާބެހޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވާރަކުރި ކަމަށެވެ.
"އަޅުގަނޑުމެން ބާރު އަޅަމުންދިޔައީ އަދި ޔަގީންކަން ދެމުންދިޔައީ މިހާރު އޮންނަ ގަވައިދުގެ އިތުރަށްވެސް ކަންކަން ހަރުކަށިކުރާނެކަމަށް. ހުޅުވަން ފުރުސަތު ދޭށޭ. މިހާރު އޮންނަ ގަވައިދުގައި އެބަ ބުނޭ ގެސްޓުން ހޮޓާތަކަށް ފިހާރަތަކަށް ދާންވެސް، އެކަމަކު އަޅުގަނޑުމެން ނިންމާފައިވާނީ އެ ހުއްދަވެސް ގެސްޓުންނަށް ނުދޭން." ހުސެއިން ފާރޫގް ވިދާޅުވި އެވެ.
އެކަމަކު ކައުންސިލް އަދި ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުމެއްވެސް މިކަމުގައި ނުލިބުނު ކަމަށާ މިކަމުގައި ނޭނގޭ ކަންތައްތަކެއް އުޅޭކަމަށް އޭނާ ވިދާޅުވި އެވެ. ރައްޔިތުންނަށް އެކަށީގެންވާ މައުލޫމާތު ފޯރުކޮށްނުދީ މިކަހަލަ ހާލަތެއްގައި ފެންނަ ނުފެންނަ ވޯޓަކަށްގޮސްފިއްޔާ އެކަން އެއްވެސް ރަށެއްގައި ފާހެއް ނުވާނެވެ.
އޭނާ ވިދާޅުވީ، ގެސްޓްހައުސްތައް ނުހުޅުވި ލަސްވާ ކޮންމެ ދުވަހަކީވެސް އެތަކެއް ގެއްލުންތަކެއް ރަށުގެ އިގްތިސޯދަށް ކުރާނެ ދުވަހެއް ކަމަށެވެ. އެރަށުގައި ފަތުރުވެރިކަން މި އޮންނަނީ ހަމައެކަނި އިރުވައި މޫސުމުގައި ކަމަށާއި ހުޅަނގު މޫސުމުގައި ބީޗް ބޭނުމެއް ނުކުރެވޭ ކަމަށެވެ. އަދި ދުވަސްވަރަކީ ފަތުރުވެރިކަމަށް އެންމެ ރަނގަޅު ދުވަސްވަރުވިޔަސް ހުއްދަ ނުލިބުމުގެ ސަބަބުން ގެސްޓްހައުސް ނުހުޅުވި އެތަކެއް ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"ރަށުގެ ކުދިން ގެސްޓްހައުސްތަކުގައި މި އުޅެނީ. އެކުދިން އަމިއްލަ ގޮތުންވެސް ކައުންސިލަށް ބައްދަލުކޮށް އެކަންބޮޑުވުން ހުށަހެޅި އެކަމަކު އެ އަޑުއަހަން ކައުންސިލުން ބޭނުމެއް ނުވި." ފާރޫގް ވިދާޅުވި އެވެ.
8 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ އެރަށު ބީޗް ހޯމް ގެސްޓްހައުސްގެ އޯނަރު މޫސާ ހަލީލް ވިދާޅުވީ، މިއީ ސީދާ ކައުންސިލާއި މެމްބަރު އިބުރާހިމް ޝަރީފް، ކެލާގެ އިގްތިސޯދު ހަލާކުކޮށްލަން ކުރިކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ، ހުރިހާ ގެސްޓްހައުސްތަކެއްގެ ވެރިން ވާހަކަ ދައްކައިގެން ކަރަންޓީން ކުރަން ބޭނުންވާ ރޫމްތައް ހެދުމަށްވެސް އެއްބަސްވި ކަމަށާއި އެހެންނަމަވެސް ރައްޔިތުންނަށް އެއްވެސް ވަރަކަށް މައުލޫމާތު ސާފުކޮށްނުދީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ވަކި ބައެއް ލައްވައި ވޯޓް އެޅިކަމަށް އޭނާ ތުހުމަތުކުރި އެވެ.
ވޯޓްގެ ކަންކަން ކުރިއަށްދިޔަގޮތަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އޭނާ ވިދާޅުވީ، 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އިންވެސްޓްމެންޓެއް ހުއްޓުވާކަށް 50 ވޯޓަކީ އެއީ ގަބޫލުކުރެވޭ އެއްޗެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވާގޮތުގައި ވޯޓުލުމަށް 80 މީހުން ދިޔައިރު 50 މީހުން ވޯޓް ދިނީ ގެސްޓްހައުސްތައް ނުހުޅުވަންށެވެ.
ހަލީލްވެސް ވިދާޅުވީ، ވޯޓްލުމުގެ ކަންތައްތައް ކުރިއަށްދިޔައީ ވަރަށް "އަޑިއަޑިން" ކަމަށެވެ. އަދި ކައުންސިލަރުން ބޭނުންވީ ގެސްޓްހައުސްތައް ނުހުޅުވަން ކަމަށާއި އެހެންވެ އެ މީހުން ބޭނުންވާ ގޮތަށް ވޯޓް ބަދަލުކުރުމަށް މީހުންގެ ގޭގެއަށް ގޮސް ސައި ދީ ހެދި ކަމަށެވެ.
"ފެންނަ ނުފެންނަ ވޯޓަކަށް ދިޔައީ 100 ޕަސެންޓް ޔަގީންކުރާ ވަރަށް ކުރަން އެމްޕީ ހިތްހަމަނުޖެހޭ ބަޔަކު މި ވިޔަފާރީގައި ތިބީމަ. އެމްޕީއާއެކު ކައުންސިލްގެ ނާގާބީލްކަމުން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް މިދިޔައީ. ފެންނަ ނުފެންނަ ވޯޓަކަށް ދިޔާމަ މެޖޯރިޓީ ނެތް ވިޔަފާރިއެއްގައި ހުޅުވަން ވަރަށް އުނދަގޫވާނެ. 30 މިލިއަނަށްވުރެ ބޮޑު އިންވެސްޓްމެންޓެއް މިއީ ހަތަރު މީހަކުވެގެން ކޮށްފަ ހުރި. ކުޑަ އަދަދެއް ނޫން. މި އިންވެސްޓްމެންޓުން ހުރާގައިވެސް މާފުށީގައިވެސް ގުރައިދޫ، ތުލުސްދޫގައިވެސް ކުރެވިދާނެ. ކެލާ ބޯޗް ހޯމްގެ އޯނަރު މޫސާ ހަލީލް ވިދާޅުވި އެވެ.
30 މިލިއަންގެ ވިޔަފާރިއެއް ހުއްޓިގެންދާއިރު މިކަން މެމްބަރު އިބުރާހިމް ޝަރީފަށް އެނގިވަޑައިގަންނަވާނެކަމަށާއި އެކަމަކު އެމްޕީ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވާތީ މިއީ ސީދާ އެމްޕީގެ އަތެއް އޮވެގެން ހުއްޓުވިކަމެއްކަމަށް ހަލީލް ތުހުމަތުކުރެއްވި އެވެ.
ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ވިދާޅުވަނީ ކައުންސިލަރުން ގޭބިސީތަކަށް ގޮސް ދީފައިވަނީ ނުބައި މައުލޫމާތެއް ކަމަށެވެ. އެގޮތުން ގެސްޓްހައުސްތައް ހުޅުވާލައިފިނަމަ ކައިރި ރަށްތައް ގޮސް އައިސް ކަރަންޓީން ވާން ޖެހޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކަމަކު މިވާހަކަތައް ކައުންސިލުން ދޮގުކުރެ އެވެ. ކައުންސިލްގެ ރައީސް ޢުފުރާން ކޭއޯއަށް ވިދާޅުވީ، ވަކި ގޮތަކަށް މައުލޫމާތުދީ ވަކި ބަޔަކު ލައްވައި ވަކިގޮތަށް ވޯޓް ބަދަލުކުރުމަށް ކައުންސިލުން މަސައްކަތްކޮށްފައިނުވާނެ ކަމަށެވެ.
ތިން މެމްބަރުން ތިއްބަވާ އެ ކައުންސިލްގެ ނައިބު ރައީސް ދާދި ފަހުން އިސްތިއުފާ ދެއްވުމުން މިހާރު ތިއްބަވަނީ ދެ މެމްބަރުންނެވެ.
އޭނާ ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ދެ ބައްދަލުމެއް އެކަމާ ގުޅިގެން ބޭއްވި ކަމަށާއި ގެސްޓް ހައުސް ހުޅުވި ބައެއް ރަށްތަކުން ޕޮޒިޓިވް ކޭސް ފެންނަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވި ކަމަށެވެ. އެހެންވެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ދެ ބައްދަލުމެއް ބޭއްވި ކަމަށާއި 84 މީހުންގެ ތެރެއިން ގެސްޓްހައުސްތައް ނުހުޅުވަން 52 މީހަކު ވޯޓްދިން ކަމަށެވެ.
ދެ ބައްދަލުމުގައި ކައުންސިލުން ވާހަކަ ދައްކާފައިވާނީ ގެސްޓްހައުސްތައް ހުޅުވާލަން ތާއީދުކޮށްފައި ކަމަށާއި ކައުންސިލުން ބޭނުންވަނީވެސް ގެސްޓްހައުސްތައް ހުޅުވާލަންކަމަށް ޢުފުރާން ވިދާޅުވި އެވެ.
އެކަމަކު ރައްޔިތުންގެ ހިޔާލާ ދެކޮޅަށް ހުޅުވާލާފިކަމަށްވާނަމަ ގެސްޓް އަންނަތަނުން ރައްޔިތުން އިހްތިޖާޖްކޮށްދާނެކަމުގެ ބިރު ކައުންސިލްގައި އެބައޮތް ކަމަށާއި އެހެން އެކަން ވެއްޖެނަމަ ރަށުގެ މާކެޓް މުޅިން ހަލާކުވެދާނެކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެން ރަށުގެ މާކެޓް ބަލަން ޖެހޭނެ. މިސާލަކަށް ގެސްޓް ގެންނަށް ރައްޔިތުންނާ ދެކޮޅަށް ހުޅުވާލީ. ގެސްޓުން އަންނައިރަށް ރައްޔިތުން އެއްވެ އިހްތިޖާޖްކޮށްފިއްޔާ އަޅުގަނޑުމެންގެ ރަށުގެ ނަން ދޯ އެ ހަޑިވަނީ. އެއީ އަޅުގަނޑުމެން ނުހުޅޫވަން ބޭނުންވާ އެންމެ މުހިންމު އެ ކަންތައް. މިސާލަކަށް ކަމެއް ވެއްޖެއްޔާ ރަށުގެ މާކެޓް ވަރަށް ބޮޑަށް ޑެމޭޖްވާނެ." ކެލާ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ ތެރެއިން 90 އިންސަތަ މީހުން މިހާލަތުގައި ރަށުގެ ގެސްޓްހައުސްތައް ހުޅުވާލަން ބޭނުންނުވާ ކަމަށެވެ. ޢުފުރާން ވިދާޅުވީ، ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށް ރަށުގެ އެކި މީހުންނާ މަޝްވަރާކުރަމުންދާ ކަމަށާއި އުންމީދުކުރަނީ އަންނަ ޖެނުއަރީމަހު އަލުން ހުޅުވާލެވޭނެ ކަމަށެވެ.