ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ ހއ ކެލާއަށާއި ހދ ހަނިމާދޫއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.
އެއިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭ ކެލައަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި އެއީ ރެކޯޑު އަދަދެއް ކަމަށެވެ. އަދި ހަނިމާދޫއަށް ވަނީ 177.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެ ހެނދުނު 8:00އާއި މިއަދު 8:00އާ ދެމެދު ކެލައަށް ވެހުނު ވާރޭ ކަމަށް ރެކޯޑު ކުރެވިފައިވާ އަދަދަކީ، މިހާތަނަށް އޮޓަމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރު ތެރޭ ރެކޯޑުކުރެވިފައިވާ އެންމެ މަތީ އަދަދެވެ.
މި ދެރަށަށް ފަހު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ރ. އިފުރަށާއި ކުޅުދުއްފުށްޓަށެވެ. އެގޮތުން އިފުރަށް 102.0 މިލިމީޓަރު އަދި ކުޅުދުއްފުށްޓަށް 77.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.
އެއިދާރާއިން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭ ވިލާގަނޑުގައި އެންމެ ވައިގަދަވެފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ އިއްޔެ ގަޑިއަކު 46 މޭލަށް, ފ. ނިލަންދުއަށެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެ އެވެ. އާންމުގޮތެއްގައި މެދުރާއްޖެތެރޭގައި ގަޑިއަކު 17 މޭލައި 27 މޭލާ ދެމެދު، އަދި ދެކުނުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ހިފަހައްޓާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވުމުގެ ފުރުސަތު ބޮޑުވުމުން، ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވިލާގަނޑުގައި ވަރަށް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑީގައި އުދައިގެ އަސަރުކޮށްފާނެތީ، ވިއްސާރައަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.