ހޯމް ކަރަންޓީންވުމަށް މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް 14 ދުވަހަށް ކަރަންޓީނުކުރަން އޮތް އުސޫލު 10 ދުވަހަށް ބަދަލުކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އަޅަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައި އެކަން އިއުލާނުކޮށްފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލުކޮށް ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން އަލަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ދަށުން އަމަލު ކުރަން ފަށާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
އޭގެ ކުރިން ގޮސް ކަރަންޓީނުވެފައިވާ މީހުން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ކޮވިޑަށް ޕޮޒިޓް މީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުން އަދިވެސް 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.
މި ބަދަލާ އެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި އެއާޕޯޓް ހިންގާ ހުރިހާ ރަށެއްގައި ވެސް މީހުން ބޭރުތެރޭ އުޅޭއިރު މާސްކް އެޅުމަށާއި ބޭރުގައި އުޅޭ ވަގުތު އެކަކުއަނެކަކާ މަދުވެގެން ތިން ފޫޓު ދުރުމިން ބަހައްޓަން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަލަށް ގެނައި ބަދަލުގައި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރުނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި މިގޮތަށް ހަދާ ޓެސްޓަށް ހަރަދުކުރަން ޖެހޭނީ ވެސް އެ ދަތުރެއް އިންތިޒާމުކުރާ ފަރާތަކުންނެވެ.
އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް އަމަލުކުރުމަށާއި އެކަންތައްތައް ބެލުމަށް ކައުންސިލުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.