ދުނިޔޭގެ އެކި ގައުމުތަކުގައި ހަތަރު މޫސުމް ތަޖުރިބާކުރި ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި އަންނަނީ ދެ މޫސުމެވެ. ކޮންމެ ގައުމެއް ބަޔަކުވެސް އެ ގައުމެއްގައި އަންނަ މޫސުމްތަކަށް ތައްޔާރުވެ، މަރުހަބާ ކިޔަނީ އުފަލާއި ހިތްހަމަޖެހިލުމާއެކު އެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެހެނެވެ. ހުޅަނގު މޫސުމަށް ފަހު އިރުވައި މޫސުމް ފެށޭއިރު އަންނަ ބަދަލުތަކަށް ދިވެހިންވެސް ތައްޔާރުވެ އެވެ. އެކަމަކު އެނގޭހެއްޔެވެ. ރާއްޖޭގެ އެންމެ އުތުރުން އާބާދީ ބޮޑު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އިރުވައި މޫސުމަކީ މާ އުފާވެރިކަން ގެނުވާ މޫސުމަކަށް ނުވެ އެވެ.
ފަހަރެއްގައިވެސް އަޅުގަނޑު ދައްކަން މިއުޅެނީ އިރުވައި މޫސުމާއެކު އަންނަ މޫސުމީ ގުދުރަތީ ކަމަކަށް ނޫނެވެ. އެކަމަކު އެފަދަ ކަމަކާ ގުޅުން ހުރިކަމަކުން ރައްޔިތުންނަށް ބޮޑު ވޭނަކަށްވެފައިވާ ކަމަކަށެވެ. އާދެ، ކުޅުދުއްފުށީ ގޮނޑަކީ ރާއްޖޭގެ ރަށެއްގައި އޮންނަ އެންމެ ބޮޑު ގޮނޑެވެ. އެތަކެއް އަހަރުތަކެއްވީއިރުވެސް ސަރުކާރުތަކަށް ހައްލުނުވެ އޮތް މިމައްސަލާގައި އެންމެ ބޮޑު ތުރާލަކާއި އުނދަގުލެއް ޖެހެނީ އިރުވައި މޫސުމުގައި އިރުމަތިން ވައިޖެހެން ފެށުމުންނެވެ. ދިމާ ހާމައަށް އޮންނަ ބޮޑު ގޮނޑު ކުނިތައް ނައްތާލުމަށްކުރާ ކަމަކީ އަލިފާން ޖަހައި ރޯކޮށްލުމެވެ.
ދުވާލެއްގެ މައްޗަށް އެތަކެއް ކުންޏެއް އުކާލައި މިތަނުގައި ހުޅު ޖެހުމުން އަރައި ދުންތަކުން މުޅި ރަށު ތެރެއަށް ފެތުރެވެ. ރަށުގެ ދެކުނު ފަރާތު ހުންނަ މިތަނުން އަރައި ދުން ގަނޑުން ބައެއް ފަހަރު ރަށުގެ މެދެއްހާ ހިސާބަށް އަސަރުކުރެ އެވެ. ވައިޖެހޭ ގޮތަކުން އެޔަށްވުރެވެސް ބޮޑު ދުންމުގެ އަސަރުކުރެ އެވެ. ކުނި ނައްތާލެވޭނެ އެއްވެސް ނިޒާމެއް ގާއިމުވެފައިނުވާއިރު އެތަނުގައި އަނދައި ހުސްވަނީ ހަމައެކަނި ގުދުރަތީ ގޮތުން އުފެދޭ ކުންޏެއް ނޫނެވެ. ތަފާތު ބާވަތްތަކުގެ ޕްލާސްޓިކް ފުޅި އާއި ކުނީގެ ގޮތުގައި އުފެދޭ އެހެނިހެން ނުރައްކާތެރި ބާވަތްތައްވެސް ހިމެނެ އެވެ. މިކަމުގެ ސަބަބުން ތަފާތު އެކި ބާވަތްތަކުގެ ވިހަ ދުމާއި ކުނިވަސް މުޅި ރަށުތެރޭގައި ފެތުރިފައި ހުރެ އެވެ.
އިރުވައި މޫސުމާއެކު މި ބަލާވެރިކަން މުޅި ރައްޔިތުންނަށް ފޯރަ އެވެ. އެންމެ ބޮޑަށް މިކަމުގެ ވޭން ތަހަމަލުކުރަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނެވެ. އެއަށްފަހު އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި އެތަންތަނުގެ ބޭނުން ހިފަން ޖެހިފައި ތިބި ރައްޔިތުންނެވެ. އެ ސަރަހައްދުގައި ހުރި ބައެއް ތަންތަނަށް ބަލާލާއިރު އެންމެ ކައިރީގައި އޮންނަ ސްޓޭޑިއަމްއަކީ ކޮންމެ ދުވަހަކުވެސް އެތަކެއް ސަތޭކަ ބަޔަކު އެތަނުގެ ބޭނުން ހިފަމުންދާ ތަނެކެވެ. ކުޅިވަރުތަކުގައި އާއި ކަސްރަތުކުރުމުގައި ގިނަ ބަޔަކު ސްޓޭޑިއަމް ބޭނުންކުރެ އެވެ. 800 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާ އަފީފުއްދީން ސްކޫލަށްވެސް މިކަމުގެ އަސަރު ވަރަށް ބޮޑަށް ފޯރަ އެވެ. ގޮނޑުން އަރައި ވިހަ ދުމާއި ނުބައި ވަހުން ސްކޫލުގެ ޖައްވުވެސް އޮންނަ ތަގައްޔަރުވެފަ އެވެ. އެމްޑަބުލިއުއެސްސީ އާއި ފުޅީގައި ފެން އުފައްދާ ކުންފުނީގެ އިތުރުން ފެނަކަ އާއި ޕަބުލިކް ވޯކްސް އިމާރާތްވެސް ހުންނަނީ އެ ސަރަހައްދުގައި އަދި އާޓިފިޝަލް ބީޗް ސަރަހައްދަށްވެސް ދުމާއި ކުނިވަހުގެ އަސަރު ފޯރަ އެވެ.
ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން ހެލްތް އޮފިޝަރަކު މީގެ ކުރިން ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުނިކޮށީގައި އަރާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް، މީތޭއިން ފަދަ ސިއްހީ ގޮތުން އެތަށް ނުރައްކާތެރި ގޭހެއް އަރާނެއެވެ. އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވާނެ ކަމަށާއި އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށްވެސް ވިދާޅުވި އެވެ.
އަދި ދުން އަރައި ދުވަސްތަކުގައި އެ ސަރަހައްދަށް ކުޅިވަރު ކުޅުމަށާއި ކަސްރަތުކުރުމަށް ނުދިޔުމަށް ހެލްތް އޮފިސަރުން އިލްތިމާސްކުރެ އެވެ.
ރާއްޖޭގެ އެހެން ބޮޑެތި ސިޓީތަކުގެ ކުނިކޮށި މެނޭޖްކުރުމަށް ވެމްކޯއާ ހަވާލުކޮށްވީނަމަވެސް ކުޅުދުއްފުށި ކުނިކޮށި މެނޭޖްކުރުމަށް ހަވާލުކޮށްފައި އޮންނަނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ހަމަޖައްސައިދީފައި ނުވާތީ ކުނި މެނޭޖުކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މި އެވެ.
ދުމުގެ އިތުރުން ދެން އޮތް އެންމެ ބޮޑު މައްސަލައަކީ ރައްކާތެރިގޮތުގައި ކުނިވާ ޒާތުގެ ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުން ގިނަ އަދަދަކަށް މެހި ގިނަވެ އެކި ބަލިތައް ފެތުރުމެވެ. ކުނި އުކާލަން ދާން ފަރާތްތައް ކުނިވާ ޒާތުގެ ތަކެތި ކުނިކޮށީގެ ތެރެއަށް އުކާލުމުގެ ބަދަލުގައި މަގުމައްޗަށް ވާގޮތަށް އުކާލާތަން ފެނެއެވެ. އެހެންކަމުން މުޅި އެހިސާބު ނުބައިވަހާއި މެހިން އޮންނަނީ ފުރިފައެވެ.
ކުޅުދުއްފުށީގައި ކުނި މެނޭޖު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް މިދިޔަ ސަރުކާރުތަކުންވެސް ބުނެފައިފައިވާއިރު އަދިވެސް މި މައްސަލައަށް ހައްލެއް ލިބޭނެ ދުވަހެއް ނޭނގެއެވެ. އެންވަރަޔަމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވަނީ އެތަނަށް ޒިޔާރާތްކުރައްވާފަ އެވެ. އަދި އެތަނުގެ ކުނިތައް ފެނި އެކަމުގެ ކަންބޮޑުވުންވެސް ވަނީ ފާޅުކުރައްވާފަ އެވެ. އަދި އެ މައްސަލަ ހައްލުކުރައްވާނެކަމަށްވެސް ވަނީ އެމަނިކުފާނު ވިދާޅުވެފަ އެވެ.
ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް ކައުންސިލުން ވަނީ ރައީސް އޮފީހުގައިވެސް އެދިފައިވެ އެވެ. އެހެންނަމަވެސް މިސަރުކާރަށް ދެ އަހަރު ވެގެންދިޔައިރުވެސް މިމައްސަލަ ހައްލުކުރަން ކުރެވުނު މާބޮޑު މަސައްކަތެއް ފެންނާކަށް ނެތެވެ. އިރުވައި މޫސުމުގެ ފުރަތަމަ ނަކަތް މިމަހު 10 ގައި ފަށާނެ އެވެ. އިރުވައި މޫސުމުގެ 9 ނަކަތުގައިވެސް އަޅުގަނޑުމެން ތިބެންވީ ވިހަ ދުމާއި ކުނިވަހުގެ ތެރޭގައި އެވެ.